ދުނިޔެ

މިނާގައި އިއްޔެ ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް އަމުރުކުރެއްވުން


އިއްޔެ މިނާގައި ހައްޖުވެރިންގެ 700އަށްވުރެ ގިނަ މީހުން މަރުވެ 800އަށްވުރެ ގިނަ މީހުން ޒަޚަމްވި ޙާދިސާ ތަޙުޤީޤުކުރުމަށް ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަމުރު ކުރައްވައިފިއެވެ. ސައޫދީ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ސަލްމާން ރަސްގެފާނު ވިދާޅުވީ މިނާގައި އިއްޔެ ހިނގާފައިވަނީ ހިތާމަވެރި ޙާދިޘާ އެއްކަމަށާއި، އެޙާދިޘާ ތަޙުޤީޤު ކުރުމަށް ސައޫދީ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައިވާނެ ކަމަށެވެ.މިނާގައި 700އަށްވުރެ ގިނަ ހަޖީން މަރުވި ޙާދިސާ މުސްތަގިއްލު ގޮތެއްގައި ތަޙުޤީޤު ކުރުމަށް
ސައޫދީ ރަސްގެފާނު ގޮވާލެއް ވުމުގެ ކުރިން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން
ނާޔިފް ވަނީ މިކަމަށް ޚާއްސަ ތަޙުޤީޤު ކޮމިޓީއެއް އެކުލާލުމަށް ނިންމެވިކަން
ހާމަކުރައްވާފައެވެ. ހައްޖުގެ އަމަނާބެހޭ
ކޮމާންޑްތަކުގެ ކުއްލި ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓެވުމަށްފަހު ސައޫދީ
ވަލީއުލްއަހްދު ވިދާޅުވީ މިނާގެ ޙާދިޘާ ތަޙުޤީޤު ކުރުމަށްޓަކައި މަތީފެންވަރުގެ
ކޮމިޓީއެއް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.

މިނާގައި
ފިތި ބާރުވެގެން އިއްޔެ ހިނގި ހާދިސާއަކީ ހައްޖުގެ އަޅުކަމުގައި
ވޭތުވެދިޔަ ފަންސަވީސް އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް  ސައޫދީ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. މިނާގެ ހާދިސާ ހިނގަން މެދުވެރިވީ
ޖަމްރާތަކަށް ހިލައުކުމަށްޓަކައި މިނާގެ ދުއިސައްތަ ހަތަރު މަގުން ދިޔަ ބަޔަކާއި
އެމަގާ އެހެން މަގެއް ގުޅުނުތަކުގައި ތިބި ބަޔަކާ ދެބައިމީހުން ޖެހި ފިތިގެން
އެއްބަޔަކު ވެއްޓި އަދި ވެއްޓުނު މީހުންގެ ހަށިތަކުގެ މަތިން އަނެއްބަޔަކަށް
ދެވޭގޮތް ވުމުގެ ސަބަބުންކަަމަށް ރިޕޯޓްތައް ބުނެއެވެ. 

މިނާގެ ޙާދިސާ ހިނގާފައިވަނީ ސައޫދީ އިސް
މަސްއޫލުވެރިންގެ މޮޓޮކޭޑެއް މިނާގެ ޖަމްރާތަކާ ކައިރި ހިސާބަކުން ދިޔުމުގެ
ސަބަބުން ހައްޖުވެރިން ހިނގައި ބިނގައި ވުމަށް އެރި ލޮޅުންތަކެއްގެ ސަބަބުންކަމަށް
ދެކެވޭ ވާހަކަތައް ސައޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާން ޖެނެރަލް މަންސޫރު
އައްތުރުކީ ވަނީ ދޮގު ކުރައްވާފައެވެ. ތުުރުކީ ވިދާޅުވެފައިވަނީ ސައޫދީ މަސްއޫލުވެރިންގެ އެއްވެސް
މޮޓޮކޭޑެއް އެވަގުތު އެސަރަހައްދުން ގޮސްފައިނުވާ ކަމަށާ އެހެންކަމުން މިޙާދިސާއާއި
މޮޓޮކޭޑަކާ ގުޅުވުމަކީ އެއްވެސް އަސާސެއްނެތް ކަމެއްކަމަށެވެ. 

އަނެއްކޮޅުން މިނާގެ
ހާދިސާ ހިނގާފައިވަނީ ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ދާން އޮންނަ މަގުތަކުގައި
ހިނގައި ބިނގާ ވުމަށާއި ހަރަކާތްތެރިވުމަށް އޮންނަ ޤަވައިދުތަކާއި އުސޫލުތަކަށް
ހައްޖުވެރިންގެ ތެރެއިން ބައެއް މީހުން އަމަލު ނުކުރުމުގެ ސަބަބުން ކަމަށް ބެލެވޭ
ކަމަށް ވިދާޅުވެ ސައޫދީ އަރަބިޔާގެ ސިއްޙަތާބެހޭ ވަޒީރު ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މިނާގެ ޙާދިސާ ހިނގައިދިޔަގޮތުގެ ހަޤީޤަތް ރަނގަނޅަށް އެނގޭނީ މިކަމާބެހޭ
ތަޙުޤީޤުތައް ކުރުމަށްފަހު ލިބޭ ނަތީޖާއަކުން ކަމަށް ސައޫދީ ދާޚިލީ ވުޒާރާއިން
ވަނީ ބުނެފައެވެ.

މިނާގެ
ހިތާމަވެރި ޙަދިސާ ހިނގުމުގެ ދިހަވަރަކަށް ދުވަސްކުރިން މައްކާގެ ހަރަމްފުޅުގައި
އަޅުކަން ކުރަމުންދިޔަ ހައްޖުވެރިންގެ ބޯމައްޗަށް ބިޔަ ކެރޭނެއް ވެއްޓުމުގެ
ސަބަބުންވެސް ހައްޖުވެރިންގެ  107 މީހުން
މަރުވެ ދުއިސައްތައަށްވުރެ ގިނަ ހައްޖުވެރިންވަނީ ޒަޚަމްވެފައެވެ. މިހާދިސާ ހިނގަން
މެދުވެރިވި ސަބަބުތައް ހޯދުމުގެ ތަޙުޤީޤު ސައޫދީ ކަމާބެހޭ އިދާރާތަކުން މިހާރު
ފަށާފައިވާ ކަމަށް ޚަބަރުތައްބުނެއެވެ.