ކުޅިވަރު

އިނގިރޭސި ލީގު: މެންޗެސްޓަރ ސިޓީ، ޗެލްސީ، ލިވަޕޫލުން މެޗުތައް ކާމިޔާބުކޮށް ތާވަލުގެ ކުރިޔަށް


އިނގިރޭސި ލީގުގައި މެންޗެސްޓަރ ސިޓީ ، ޗެލްސީ އަދި ލިވަޕޫލްއިން އެޓީމު ކުޅުނޖު މެޗުތައް ކާމިޔާބުކޮށް ތާވަލުގެ ކުރިޔަށްޖެހިލައިފިއެވެ.

ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޝެފީލްޑް ޔުނައިޓެޑް ވާދަކުރި މެޗު 1-0 ލަނޑުން ކާމިޔާބު ކުރީ ސިޓީއެވެ. ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކެވިން ދި ބްރެއިނާ ދިން ބޯޅައަކުން ސިޓީގެ އިނގިރޭސި ޑިފެންޑަރު ކެއިލް ވޯލްކާއެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ޑިއޭރިޔާ ބޭރުގައި ހުރެފަ ފޮނުވާލި ބާރުހަމަލާ ގޯލްތެރެއަށް ވައްދައިލައިގެންނެވެ. އޭނާ މިހާތަނަށް ލީގުގައި ޖެހި 8 ލަނޑުގެ ތެރެއިން ހަ ލަނޑަކީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާތަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ. މިއީ އޭނާ ސިޓީ ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުން ޝެފީލްޑަށް ހޯދިފަވަނީ އެންމެ ޕޮއިންޓެކެވެ.

ފާއިތުވެދިޔަ ހަތް މެޗުން ހޯދި އެއް ޕޮއިންޓާއެކު ޝެފީލްޑް އޮތީ ރެލިގޭޝަން ޒޯނުގައެވެ. ސިޓީ ވަނީ މި މޮޅާއެކު 11 ޕޮއިންޓް ހޯދައިގަން 8ވަނައަށް ކުރިޔަށްޖެހިލާފައެވެ.

ރޭގައި ލީގުގައި ޗެލްސީ ވެސް ވަނީ ރަށުން ބޭރުގައި ކުޅެ ބާންލީންގެ މައްޗަށް ކުރިހޯދާފައެވެ.

ޗެލްސީ މެޗު ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ހަކީމް ޒިޔެޗް ލީޑްނަގާދިން އިރު މިއީ ލީގުގައި އޭނާ ޗެލްސީއަށް ކާމިޔާބުކޮއްދިން ފުރަތަމަ ލަނޑެވެ. ޗެލްސީއަށް އިތުރަށް ލީޑް ފުޅާކޮށްދިނީ ކާޓް ޒޫމާ އާއި ޓިމޯ ވާނާގެ ލަނޑުތަކުންނެވެ . މިއީ ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގު އެއްކޮށް ޗެލްސީ ބައިކޮޅަށް ލަނޑެއް ވައްދަނުލާ ނިންމާލި ހަތަރުވަނަ މެޗެވެ.

ލީގުގައި ހުސްވި ޖުލައިމަހު ނޯވިޗް އަތުން މޮޅުވިފަހުން ބާންލީ އަދި ލީގުގައި މޮޅުވެފައެއް ނުވެއެވެ. މިމޮޅާއެކު ޗެލްސީން 12 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރުވަނައަށް ޖެހިލިއިރު ބާންލީ އޮތީ 18 ވަނައިގައެވެ.

ރޭގައި އަމިއްލަ ދަނޑުގައި ކުޅު މެޗް ލިވަޕޫލްވަނީ ކާމިޔާބުކޮށްފައެވެ. ލިވަޕޫލްއިން މެޗު ކާމިޔާބުކުރީ ވެސްޓްހޭމްއާ ވާދަކޮށް 2-1 ލަނޑުންނެވެ.

ވެސްޓްހޭމްގެ ޕަބްލޯ ފޯނަލްސް މެޗުގެ ވަރަށް ކުރީކޮޅު ލީޑް ނަގާފައިވަނިކޮށް ލިވަޕޫލްއިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ލިބުނު ޕެނެލްޓީއަކުން މުޙައްމަދު ސަލާހެވެ. ލިވަޕޫލް މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޑިއެގޯ ޔޮޓާ އެޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ މެޗު ނިމެން ފަސްމިނިޓަށް ވެފައިވަނިކޮށެވެ. މިލަނޑު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ޔޮޓާ ވަނީ ލަނޑެއް ޖާހަފައެވެ. އެހެންނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީވަނީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.

މިމޮޅާއެކު ލީގުގައި ދެވަނާގައިވާ އެވަޓަންވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިވަޕޫލް އޮތީ 16 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. 8 ޕޮއިންޓާއެކު ވެސްޓްހޭމް އޮތީ 13 ވަނައިގައެވެ.