ދުނިޔެ

އިނގިރޭސިވިލާތް އަނެއްކާވެސް ލޮކްޑައުން، ބަލީގެ ނަމްބަރު މިލިއަނެއް ހުރަސްކޮށްފި


ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގެ ޙާލަތު ގޯސްވެ އެ ޤައުމު އަނެއްކާވެސް ފުރަބަންދުކުރުމަށް ނިންމައިފިއެވެ. އެ ޤައުމު ފުރަބަންދުކުރުމަށް ނިންމާފައިނީ ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު އެއް މިލިއަން ހުރަސްކޮށް، ޞިއްޙީ ނިޒާމަށް އިތުރަށް ހިފަހައްޓާ ނުލެވޭނެކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19ގެ ސަބަބުން މިހާތަނަށް 58،925 މީހުންވަނީ މަރުވެފައެވެ. އެއީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޢަދަދެވެ. އަދި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ.

މިދިޔަ ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް 20،000އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ދަނީ ބަލިޖެހެމުންނެވެ. ސައިންސްވެރިން މީގެ ކުރިންވަނީ ޤައުމުގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެއްޖެ ޙާލަތެއްގައި މަރުވާ މީހުންގެ ޢަދަދު 80،000އަށް އަރާނެކަމަށް އަންދާޒާކޮށްފައެވެ. ނަމަވެސް މިހާރު ބަލިފެތުރޭ މިންވަރަށް ބަލާނަމަ އެންމެ ގޯސް ޙާލަތުގައި މަރުވާނެކަމަށް ޤަބޫލުކުރެވުނު ޢަދަދަށްވުރެ ގިނަ މީހުން މަރުވެދާނެކަމުގެ އިންޒާރު ސައިންސްވެރިންވަނީ ދީފައެވެ.

ދެވަނަ ފަހަރަށް ޤައުމު ފުރަބަންދުކުރުމަށް ނިންމި ނިންމުން އިޢުލާނުކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ ނޮވެމްބަރު މަހުގެ 5ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 2ވަނަ ދުވަހާއި ހަމައަށް ޤައުމު ފުރަބަންދުކުރަން ނިންމަވާފައިވާކަމަށެވެ.


ފުރަބަންދުގެ ޙާލަތުގައި ބޭނުމެއް ނެތި ބޭރުތެރެއަށް ނުކުތުން މަނާވާނެއެވެ. ކޮންމެހެން ގަންނަންޖެހޭ ތަކެތި ވިއްކާ ފިހާރަތަކާއި މަދަރުސާތަކާއި ޔުނިވަސިޓީތައް އެ މުއްދަތުގައި ބަންދެއް ނުކުރާނެއެވެ. ނަމަވެސް ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ހަމައެކަނި ޓޭކްއަވޭގެ ޚިދުމަތް ދޭގޮތަށެވެ. ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީ ކަމަށާއި އެ ނޫން ގޮތެއް މިހާރު ނެތްކަމަށެވެ.

ފުރަބަންދުގެ ޙާލަތުގައި ވަޒީފާއިން ވަކިކުރާ މަސައްކަތްތެރިންނަށް ލިބެމުންދިޔަ އާމްދަނީގެ 80 އިންސައްތަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އިނގިރޭސިވިލާތުން މީގެ ކުރިން ޢަމަލުކުރަމުންދިޔަ ސަބްސިޑީ ސްކީމަށް އެ ޤައުމުން ފުރަބަންދުގެ ޙާލަތުގައި އަނެއްކާވެސް ޢަމަލުކުރަން ފަށާނެއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން އިނގިރޭސިވިލާތުގެ ސަރުކަރުން އެދެވޭ ފިޔަވަޅުތައް އަޅާފައި ނުވާކަމުގެ ތުހުމަތު ބޮޑުވަޒީރު ޖޮންސަނަށްވަނީ ރައްދުވެފައެވެ. ބަލީގެ ދެވަނަ ރާޅެއް ފެތުރެމުންދާއިރު ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައިވަނީ ބައްޔާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަންކަން ރަނގަޅު ނޫންކަމަށް ސައިންސްވެރިން ބުނަމަމުން ދަނިކޮށެވެ. އިނގިރޭސިވިލާތް ފުރަބަންދުކުރުމަށް ނިންމާފައިވަނީ އެ ޤައުމުގެ އަވަށްޓެރި ދެ ޤައުމުކަމުގައިވާ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ދެވަނަ ފަހަރަށް ފުރަބަންދުކުރުމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.