ޚަބަރު

ކަނޑިންމަ ރިސޯޓުން 17 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް


ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ކަނޑިންމަ ރިސޯޓުން އިއްޔެ ނެގި 20 ރެންޑަމް ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެރިޒޯޓުގައި ތިބި ޕޮޒިޓިވް މީހުންގެ ތެެރެއިން ހައި ރިސްކް މީހުން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްއީއޯސީން މަޢުލޫމާތުދެއްވައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގއާއި އިތުރު ސާމްޕަލް ނެގުމުގައި ދ.އަތޮޅޔ ހޮސްޕިޓަލްގެ ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެޗްއީއޯސީން މަޢުލޫމާތުދެއްވި ގޮތުގައި އެރިޒޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބ ފަތުރުވެރިންނަށް ފުރައިގެން ދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވްވުމުން ކަމަށް އެޗްއީއޯސީން ހާމަކުރައްވައެވެ.

ކޯވިޑް-19 ބަލީގައި ހާލުދެރަވެގެން އެރިސޯޓުން މިދިޔަ ހުކުރު ދުވަހުވަނީ މީހަކު ނިޔާވެފައެވެ. މި މީހާ ނިޔާވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ނިޔާވިފަހުން ނެގި ސާމްޕަލްއަކުންނެވެ.

ކަނޑިންމަ ރިސޯޓުން ބަލި ފެނުމާއި ގުޅިގެން މިއަދު އެ ރިސޯޓަށް ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އެޗްއީއޯސީން ރޭވަނީ ހާމަކޮށްފައެވެ. މިޓީމަކީ އެރަށުގައި ތިބި ބަލީގެ ޢަލާމާތްތައްހުރި މީހުން ދެނެގަތުމާއި، ކޮންޓެކްޓް ޓްރޭސިންގއާއި، ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް ފޮނުވާ ޓީމެކެވެ.

އެ ރިސޯޓުން ޕޮޒިޓިވް ކޭސް ފެނުމާއި ގުޅިގެން، އަދި އިއްޔެ ހަވީރުން ފެށިގެން އެރަށަށް އަރާ ފޭބުން އެޗްއީއޯސީން ވަނީ މަނާކޮށްފައެވެ.