ވިޔަފާރި

ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް.ލޓޑގެ ޚިދުމަތް އަންނަ އަހަރު ފަށަނީ


"ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ މަސައްކަތްތައް އަންނަ އަހަރުގެ ކުރީ ކޮޅު ފެށިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ހާމަކޮށްފިއެވެ.ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، ހުޅުމާލެ އާއި ހުޅުލެއަށް ދަތުރުކުރާ ފެރީގެ ޚިދުމަތާއި، އެދެތަނުގެ ދަތުރުފަތުރުގެ ކަންތައްތައް ފުޅާކޮށް، ކުރިއަށްގެންދިއުމަށް އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ.މިގޮތުން ދަތުރުފަތުރުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް، އެމް.ޓީ.ސީ.ސީ އާއި، އެޗް.ޑީ.ސީ އާއި އެމް.ޕީ.އެލް ގުޅިގެން އުފައްދާފައިވާ މިކުންފުނީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލުން ބުނީ މިހާރު ކުރިއަށްދަނީ މަސައްކަތްތައް އެ ކުންފުނީގެ ދަށަށް ބަދަލްކުރުމުގެ މަރުހަލާ ކަމަށެވެ."ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް ޕްރައިވެޓް ލިމެޓެޑް" އުފައްދާފައިވަނީ އެމްޓީސީސީއަށް %40 އާއި، އެޗްޑީސީއަށް %40 ، އަދި އެމްޕީއެލްއަށް، %20 ހިއްސާވާގޮތަށެވެ.ހުޅުމާލޭގައި އިތުރަށް ބިން ހިއްކުމުގެ މަޝްރޫއާއި ތަރަށްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ކުރިއަށްދާއިރު، ދަތުރުފަތުރަށް އޮންނަ ޑިމާންޑްވެސް ކުރިއަށް އޮތްތަނުގައި ބޮޑުވެގެންދާނެކަމަށް ލަފާކުރެވޭއިރު، މި ކުންފުނީގެ ސަބަބުން މި ޚިދުމަތްތައް ފުޅާވެ ހުޅުމާލޭގެ ތަރައްގީއަށްވެސް ބޮޑުކުރިއެރުމެއް ލިބިގެންދާނެކަމަށްވަނީ ބެލެވިފައެވެ.