ވިޔަފާރި

އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުމަށް ބުކިންތައް ހަދަން ފަށައިފި


އިނގިރޭސިވިލާތުން ދަތުރުކުރުން ރައްކާތެރި ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ލުމާއެކު ރާއްޖެ އައުމަށް އެޤައުމުން ބުކިން ހަދަމުންދާ ފަރާތްތަކުގެ އަދަދު 500 އިންސައްތަ އިތުރުވެފައިވާ ކަމަށް އެޤައުމުގެ ޓުއަރ އޮޕަރޭޓަރުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ޓުރެވަލް އެޖެންޓު، އެޑްވާންޓޭޖު ޓްރެވަލް ޕާޓުނަރޝިޕްއާއި ހަވާލާދީ ޓްރެވަލް ވީކްލީ ނޫހުގައި ބުނެފައިވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މިދުވަސްކޮޅު ބުކިންސް ލިބެމުންދަނީ މިއަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން ޑިސެމްބަރުމަހާ ދޭތެރޭގެ ދުވަސްތަކަށް ކަމަށެވެ.

މި މުއްދަތަކީ ފިނި މޫސުމުގެ ދުވަސްތައްކަމުން އެހެން އަހަރުތަކުގައިވެސް އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އާދެއެވެ.

އެޑްވާންޓޭޖު ޓްރެވަލް ޕާޓުނަރޝިޕުން ހާމަކުރާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އިނގިރޭސިވިލާތުގެ "ޓްރެވެލް ކޮރިޑޯ"ގެ ތެރެއަށް އިތުރުކޮށްފައިވާކަން އިއުލާންކުރުމާއިއެކު، ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއަށް އައުމަށް ބުކިންތައް ހަދަމުންދާ ކަމަށެވެ. އަދި މިދުވަސްކޮޅުގެ ގޮތުން ފަތުރުވެރިން ބޭނުންވަނީ ޓްރެވަލް އެޖެންޓެއް މެދުވެރިކޮށް ބުކިން ހަދަންކަންވެސް އެފަރާތުން ފާހަގަކުރިއެވެ.

އެކި ރިސޯޓުތަކާއި ހޮޓާތަކާއި ގުޅޭ މައުލޫމާތުތައް ގެނެސްދޭ އިނގިރޭސިވިލާތުގެ ވެބްސައިޓެއް ކަމަށްވާ، އައިސްލޮލީ ޑޮޑް ކޮމް އިން ހާމަކުރާ ގޮތުގައި ޓްރެވަލް ކޮރިޑޯއަށް ރާއްޖެ އިތުރުކުރާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމާއި ގުޅޭ މައުލޫމާތުތައް ހޯދާ ފަރާތްތަކުގެ އަދަދު 61 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ "ޓްރެވެލް ކޮރިޑޯ"ގެ ތެރެއަށް ރާއްޖެ އިތުރުކުރުމާއި އެކު، އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރާކަށް ނުޖެހޭނެއެވެ.

އިނގިރޭސިވިލާތުން ޤައުމުތަކަށް ލުއިދެނީ ކޯވިޑް19 ގެ ހާލަތަށް ބެލުމަށްފަހުގައެވެ. އެގޮތުން އެ ޤައުމެއްގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލައެވެ. އެ ޤައުމުން ރާއްޖެއަށް ލުއިދީފައިމިވަނީ ރާއްޖޭގައި ކޯވިޑް19 ފެތުރުން ވަރަށް ބޮޑަށް މަދުވެފައިވަނިކޮށެވެ.

ރާއްޖެއަށް އަންނަން ބުކިން ހަދަމުންދާ އިނގިރޭސިވިލާތުގެ ފަތުރުވެރިން އިތުރުވަމުން ދިޔުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވެފައިވަނީ މީގެން ދައްކައިދެނީ ރާއްޖެއާއި މެދު ފަތުރުވެރިންގެ އޮތް އިތުބާރު ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރަމުންދާ އުސޫލުތަކާއި ކޯވިޑްގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އައުމަށް އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިން ހަދަމުންދާއިރު، ބްރިޓިޝް އެއަރވޭސްގެ ދަތުރުތައްވެސް ވަނީ މިމަހުގެ 17 ވަނަ ދުވަހު އަލުން ރާއްޖެއަށް ފަށައިފިއެވެ.

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ހަފްތާގެ 3 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވަމުންދާއިރު، ލަންޑަންއިން ރާއްޖެއަށް ދަތުރުތައް ކުރާނީ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. ރާއްޖެއިން ލަންޑަންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. އެގޮތުން ކޯވިޑް19 ގެ ފަހުން އަލުން ބޯޑަރު ހުޅުވާލުމާއިއެކު އެޤައުމުން ރާއްޖެއަށް މިހާތަނަށް 2،923 ފަތުރުވެރިން އައިސްފައިވާއިރު، އެޤައުމަކީ މި މުއްދަތަކުގައި ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމެވެ.