ޚަބަރު

ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޙިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީކުރަން ލާޒިމުކޮށްފި


ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަންގެ ޚިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން ލާޒިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ، މި ގަވާއިދުގެ މަޤްޞަދަކީ، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަންގެ ޚިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ލާޒިމުކޮށް، އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުންކަމަށެވެ.

އަލަށް އެކުލަވާލި މި ގަވާއިދުގެ ދަށުން ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ޚާއްޞަކޮށްގެން، ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފައިފައިވާ ތަންތަނާއި، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަން ފިޔަވައި، ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޙިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީކުރުން ލާޒިމުވާނެއެވެ.

އެގޮތުން ބިދޭސީ މުވައްޒަފުންނަށް ވިޔަފާރީގެ އުސޫލުން އެކަމަޑޭޝަން ޙިދުމަތް ދޭ ފަރާތްތަކުން، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީ ކުރަންވާނެކަމަށް މި ގަވާއިދުގައި ވަނީ ބުނެފައެވެ.

ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޚިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭނީ، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޙިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ކަނޑައަޅާ ތަންތަނުގައި، އެ ޙިދުމަތް ދޭހައި ހިނދަކު، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެންޖެހޭނެކަމަށް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ކުރިން އެތަނެއް އިންސްޕެކްޓު ކުރާނެއެވެ. އިންސްޕެކްޓް ކުރާނީ، ސިޓީއެއްގައި ނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޙިދުމަތް ދޭ ތަންތަނުގައި ބައިތިއްބާ ބިދޭސީ މުވައްޒަފުންނަކީ، ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ހޯދުމަށްފަހު ރާއްޖޭގައި މަސައްކުރާ ބިދޭސީންކަން، ޙިދުމަތް ދޭ ފަރާތުން ކަށަވަރުކުރަން ޖެހޭނެއެވެ. މިފަދަ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން 500 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުން ލާޒިމުވާފަދަ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޙިދުމަތް ދޭ ހުރިހާ ފަރާތްތަކުންވެސް، ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަންވާނެކަމަށެވެ.