ޚަބަރު

ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއެކު ހަނިމާދޫ ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލެއްލިބޭނެ - ކައުންސިލް


ހަނިމާދޫ ބަނދަރު މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ރަށުގެ ދެކުނު ފަރާތު ރަށްގިރުމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫގެ ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްގެން މިހާރު ދަނީ ކުރަމުންނެވެ.

ހަނިމާދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގެ ބަނދަރަށް 700 ފޫޓުގެ ސަރަހައްދެއް އިތުރުކުރާނެއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް ޢަލީ ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އެއްފަހަރާ ފަށައިގެން ރަށުގައި ކުރިއަށްދާކަމަށެވެ. މީގެތެރެއިން ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތަކީ ރަށަށް މިވަގުތު އެންމެ ބޭނުންވެފައިވާ މަސައްކަތްކަމަށެވެ.
ރަށުގައި ބޭނުންކުރާ ކަނޑު އުޅަނދުތަކާއި، ހަނިމާދޫ އެއަރޕޯޓް ޚިދުމަތާއި މަސްވެރިކަން ކުރާ އުޅަނދުތަކާއި، އަދި ވިޔަފާރީގައި އަންނަ ބޯޓުފަހަރުވެސް އެރަށު ބަނދަރު ބޭނުންކުރެއެވެ. ރަށުގައި މިހާރު ބޭނުންކުރަނީ 500 ފޫޓުގެ ބަނދަރެކެވެ.

ސަލާމް ވިދާޅުވީ ކުރިން ބަނދަރު ހަދާފައި އޮތްގޮތުން ބަނދަރާދިމާލުން ދެކުނު ފަޅި ވަރަށްބޮޑަށް ގިރަމުން އަންނަކަމަށެވެ. އެހެންކަމުން ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު އެތަނުން ނަގާ ވެލި އަޅާއި، އެ ސަރަޙައްދު ޙިމާޔަތްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ކައުންސިލްގ ރައީސް ވިދާޅުވިއެވެ.

"ބަނދަރުގެ ދެކުނުފަޅު މިއޮތީ ވަރަށް ބޮޑަށް ގިރާފައި. މި ޕްރޮޖެކްޓްގެ ތެރެއިން އެބައިން ރަށް ގިރުމަށް ޙައްލު ހޯދައިދިނުންވެސް. ބަނދަރު މަސައްކަތް ނިމޭއިރު ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެ." ސަލާމް ވިދާޅުވިއެވެ.

ހަނިމާދޫ ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެރަށުގެ ބަނދަރަށް 270މީޓަރުގެ އެއްގަމު ތޮއްޓެއް އިތުރުކުރާނެއެވެ. އަދި 355 މީޓަރުގެ ބޭރު ތޮއްޓަކާއި، ބަނދަރު ފުންކުރުމާއި، ލައިޓްޖެހުމާއި، ޕޭވްމަންޓް ލުން ހިމެނެއެވެ. އެމްޓީސީސީން މިހާރުދަނީ ބަނދަރަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތްކުރަމުންނެވެ.


"700 ފޫޓު ދިގު، 50 މީޓަރު ފުޅާވާނެ އަލަށް އިތުރުކުރާ ބައި. ޝެޑިއުލް ކުރެވިފައިވާގޮތަށް އަންނަ އަހަރުގެ މޭމަހަށް މަސައްކަތް ނިންމާނަން." ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ދެއްވަމުން އެމްޓީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވިއެވެ.

ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މުޅި މަޝްރުޢޫގެ %25މަސައްކަތް މިހާރުވަނީ ނިމިފައެވެ. މި މަޝްރޫއަކީ 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.