ވިޔަފާރި

ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް "ރާސްތާ"ގެ ނަމުގައި ޚާއްސަ ވެބިނަރއެއް


ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް ޚާއްސަ ވެބިނަރއެއް ބޭއްވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައިފިއެވެ.

މި ވެބިނަަރއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ބެޗެލަރސް އޮފް އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް ކިޔަވަމުން އަންނަ ދަރިވަރުންތަކެއްގެ އިސްނެގުމާއެކު ބާއްވާ ވެބިނަރއެކެވެ. "ރާސްތާ" މި ނަމުގައި ކުރިއަށްގެންދާ މި ވެބިނަރ އޮންނާނީ 31 އޮކްޓޫބަރ 2020 ވާ ހޮނިހިރު ދުވަހުއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯވިޑް-19ގެ ސަބަބުން އެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ގިރާކޮށް ކުރިއަށްދެވޭނެ މަގެއް ދާއިރާގެ ތަޖުރިބާކާރުންގެ އެހީގައި ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ވެބިނަރއެކެވެ. އެގޮތުން މި ވެބިނަރގައި މައިގަނޑުގޮތެއްގައި ވާހަކަދެކެވޭނެ ދާއިރާތަކުގެ ތެރޭގައި ގެސްޓް ހައުސްތަކާއި ޓްރެވަލް އެޖެންސީތަކަށް ދިމާވާ ގޮންޖެހުންތަކާއި، ކޯވިޑް-19 ގެ މި ޙާލަތުން އަރައިގަނެ، ސިނާޢަތް އަލުން ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާއި، އެކަންކަމުގައި ކަމާގުޅުންހުރި އިދާރާތަކަށް އަދާކުރެވިދާނެ ދައުރާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތް ކުރިއެރުވުން ހިމެނެއެވެ.

2 ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ވެބިނަރގެ ފުރަތަމަ ސެޝަން ޚާއްސަކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސް ވިޔަފާރިތަކަށެވެ. ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކުރިއަށްދާ މި ސެޝަންގެ ޕެނަލްގައި ގެސްޓްހައުސް ވިޔަފާރިތަކުގެ އިސްވެރިންނާއި، ގެސްޓްހައުސް އެސޯސިއޭޝަންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ބައިވެރިވާނެއެވެ. ދެވަނަ ސެޝަން ޓްރެވަލް އެޖެންސީތަކަށް ޚާއްސަކޮށްފައިވާއިރު، މި ސެޝަން އޮންނާނީ މެންދުރު 01:00 އިން 03:00 އަކަށެވެ. ދެވަނަ ސެޝަންގައި ޓްރެވަލް އެޖެންސީތަކާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އާއި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނެއެވެ.

"ރާސްތާ" ވެބިނަރގައި ބެލުންތެރިންގެ ގޮތުގައި ބައިވެރިވެ، ޕެނަލިސްޓުންނަށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ހުރިހާ ގެސްޓްހައުސްތަކަށާއި، ޓްރެވަލް އެޖެންސީތަކަށް ވަނީ ހުޅުވާލާފައެވެ.

ގުރާ

ރަނގަޅު. ކާމިޔާބު އިވެންޓަކަށް އެދެން