ދީން

މުސްލިމުން ނިކަމެތިވަނީ ﷲ އަށް ކިޔަމަންގަތުމާ ދުރުހެލިވަމުންދާތީ


މިއަދު ޢީދު ފާހަގަކުރާއިރު، އިބްރާހިމްގެފާނާއި، އިސްމާޢީލުގެފާނުގެ ޤުރުބާނީތަކުން ޢިބްރަތް ޙާޞިލުކުރަންޖެހޭކަމަށާއި، އިސްލާމީ އުއްމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ﷲ އަށް ކިޔަމަންގަތުމާއި ދުރުހެލިވުންކަމުގައި މިއަދުގެ ޢީދު ނަމާދުގައި އިއްވި ޚުޠުބާގައި ވިދާޅުވެއްޖެއެވެ.މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މާފަންނު ސްޑޭޑިއަމްގައި ކުރުން ކެންސަލުކުރި ނަމަވެސް، މާލެއާއި އަތޮޅުތަކުގެ ބޮޑެތި މިސްކިތްތަކުގައި ޢީދު ނަމާދުވަނީ ކޮށްފައެވެ. މިއަދުގެ ޢީދު ނަމާދުގައި އިއްވި ޚުޠުބާގައި ބުނެފައިވަނީ އިސްލާމީ އުއްމަތަކީ ބާރު ގަދަ އުއްމަތެއް ކަމަށާއި، އެހެން މީހުންނަށް ލިބިފައިނުވާ ކިތަންމެ ބާރުތަކަކާއި، ޤާބިލުކަމާއި، ކެރިފޯރުންތެރިކަމާއި، މުއްސަނދިކަމެއް އިސްލާމީ އުއްމަތަށް ލިބިފައިވާކަމަށެވެ. އަދި އިސްލާމީ އުއްމަތަށް ބަލާއިރު، މި އުއްމަތަށް މަތިވެރި ރިސާލަތެއް ލިބިގެންވާކަމަށާއި އެއީ އިސްލާމްދީނުގެ ރިސާލަތުކަމަށާއި، ނަމަވެސް މައްސަލައަކީ އަޅުގަނޑުމެން މި އާރާއި، ބާރުގެ ބޭނުން ހެޔޮގޮތުގައި އިސްލާމީ އުއްމަތަށްޓަކައި ނުކުރުންކަމަށް މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ."ދުނިޔޭގެ އާބާދީއަށް ބަލާއިރު، މުޅި ދުނިޔޭގެ ފަސްބައިކުޅަ އެއްބަޔަކީ މުސްލިމުން، އެހެންވީމާ އިސްލާމީ އުއްމަތުގެ މީހުންގެ ޢަދަދު މަދެއްނޫން. އިސްލާމީ އުއްމަތުގެ މާއްދީ މުއްސަނދިކަން ކުޑައެއްވެސް ނޫން. ތެލުގެ މުއްސަނދިކަން އެންމެ ބޮޑީ އިސްލާމީ ޤައުމުތަކުގައި. ބިމުގެ މުއްސަނދިކަމާއި، ފެނުގެ މުއްސަނދިކަން އެންމެ ބޮޑީ އިސްލާމީ ޤައުމުތަކުގައި. ބިމުގެ މުއްސަނދިކަމާއި، ފެނުގެ މުއްސަނދިކަންވެސް ހަމައެހާމެ ބޮޑު. އިސްލާމީ އުއްމަތް ޖޯގްރަފީގޮތުން ބަލާއިރު، މިއޮތީ ދުނިޔޭގެ އެންމެ މުހިއްމު ސަރަހައްދުގައި. އޭޝިޔާއިން ޔޫރަޕަށް ދެވޭ މަތުތައް އޮތީ އިސްލާމީ އުއްމަތުގެ ސަރަޙައްދުގެ ތެރޭގައި. ﷲ ގެ ރިސާލަތުތައް ބާވާލައްވާފައިވަނީ މި އުއްމަތުގެ ބިންތަކަށް" ޚުޠުބާގައި ބުނެފައިވެއެވެ.އިސްލާމްދީން އައީ އަޅުކަންތަކުގެ ތެރެއިން އުއްމަތުގެ ހަރުދަނާކަމާއި، އާރާއި ބާރު ހާމަކޮށްދޭންކަން ފާހަގަކޮށް، ހުތުބާގައި ބުނެފައިވަނީ ކޮންމެ ދުވަހަކު ފަސް ވަގުތު މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ މުސްލިމުންގެ ބާރު ކަމަށެވެ. އަދި ހުކުރު ނަމާއި އީދު ނަމާދުން އެއަށް ވުރެ ބޮޑު ޖަމާއަތެއް ފެންނައިރު ހައްޖަކީ މުސްލިމުންގެ އެންމެ ބޮޑު މަހާސިންތާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އިސްލާމްދީން ނެތްނަމަ މިފަދަ ބޮޑު ބައްދަލުވުމެއް ނުބޭއްވޭނެކަމަށާއި، ހައްޖަކީ މުސްލިމުންގެ ބާރު ދައްކުވައިދީ، އިސްލާމީ އުއްމަތުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހާމަކޮށްދޭ އަޅުކަމެއްކަން މިއަދުގެ ޢީދު ޚުޠުބާގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ، އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި، މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރު ދައްކުވައިދޭ ދިރިހުރި މިސާލެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި މިއަދު ދަރިން ބައިންބަފައިންނަށް ނުކިޔަމަންތެރިވާ ވާހަކަ އަޑުއިވޭކަމަށާއި، މިކަމުން އަންގައިދެނީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އިތުރަށް ހަރުދަނާކުރުންކަން ފާހަގަކުރައްވައި، ކިރީތި ރަސޫލާގެ ޞަޙާބީންގެ ކުރިފުޅުމަތީގައި ދުނިޔެތިރިވެ، ކިޔަމަންގަތް ސަބަބުތަކުގެ މައްޗަށް ޚުޠުބާގައި ވަނީ އަލިއަޅުވާލާފައެވެ. "ކީރިތި ރަސޫލާގެ ޞަޙާބީންގެ ކުރިމަތިފުޅުގައި ދުނިޔެތިރިވެ، ކިޔަމަންގަތީ ކީއްވެގެންތޯއެވެ؟ އެ ބޭކަނލުންގެ މުއްސަނދިކަމަކުން، ހަށިކޮޅުތައް ވަރުގަދަކަމަކުން ނޫން. ބުރުސޫރަ ރީތިވެގެންނެއް ނޫން. އިޚްލާޞްތެރިކަމުގެ ސަބަބުން. އުއްމަތުގެ ކުރިއެރުމަށް މަސައްކަތްކުރައްވާފައިވާތީ. އަބޫބަކުރުގެފާނު ޚާލިދުގެފާނަށް ވިދާޅުވީ ކީކޭތޯ؟ - ދީނަށްޓަކައި ކަލޭގެފާނު ޤުރުބާންވާށެވެ. އޭރުން ކަލޭގެފާނަށް ދިރިހުންނެވުން ލިބިވަޑައިގަންނަވާނެއެވެ." މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނިކަމެތިކަމަކީ ބައިބައިވުންކަން ފާހަގަކުރައްވާ، އިސްލާމީ އުއްމަތުގެ ސުލްޙަ މަސަލަސްކަން ހިމާޔަތްކޮށް، އެއްބަޔެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް އެންމެހާ މުސްލިމު އަޚުންނާއި އުޙްތުންނަށް މިއަދުގެ ޢީދު ޚުޠުބާގައި ވަނީ ގޮވާލާފައެވެ.