މި މަހުގެ 1 އިން 11 އަށް އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވަން އުޅުނު 17 އަހަރުން ދަށުގެ މެންސް އޭޝިއަން ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުން މި މުބާރާތް ފަސްކުރީ މެދުއިރުމަތީ ސަރަހައްދުގެ ހާލަތު ހުރި ގޮތުން ކުޅުންތެރިންނާއި ޑެލިގޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހުއެވެ.
އުރުދުންގައި މުބާރާތް ބޭއްވޭގޮތް ނުވީ އިސްރާއީލާއި އިރާނާދެމެދު ފެށުނު ހަނގުރާމައާއި ގުޅިގެން އުރުދުން ސަރަހައްދުގެ އަމާންކަން ގެއްލިފައިވާތީއެވެ.
އެހެންނަަމަވެސް މި މުބާރާތް ފަސްކުރީ ކޮން ތާރީޚަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ކުޅުންތެރިންގެ ސަލާމަތަށްޓަކައި މި މުބާރާތް ފަސްކުރިއިރު ދެން މުބާރާތް ބާއްވާނެ ތާރީޚަކާމެދު ޖޯޑަން ހޭންޑްބޯލް ފެޑެރޭޝަނާއި ކަމާ ގުޅޭ އިދާރާތަކުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕްޑީގައެވެ. މި ގުރޫފްގައި ދެން ހިމެނެނީ ކޮރެއާ، އީރާން އަދި އުޒްބަކިސްތާނެވެ.
އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ މެދުގައި ބާއްވަން ނިންމި ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމުން ވަނީ ހުޅުމާލޭގައި ފަރިތަކުރުންތައް ބާއްވާފައެވެ.
ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމި މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ކުވެއިތު، ބަހްރެއިން އަދި ހޮންގް ކޮންގެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޗައިނާއެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ އުރުދުން، ޗައިނީސް ޓައިޕޭ އަދި އިންޑިއާއެވެ.