ވިޔަފާރި

ކޮރިއަރ އަދި ޕޯސްޓްގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންބޮޑުވުން ކަސްޓަމްސްއާ ހިއްސާކޮށްފި


ކޮރިއަރ އަދި ޕޯސްޓްގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންބޮޑުވުން ކަސްޓަމްސްއިން އޮޅުންފިލުވައިފިއެވެ.

ކަސްޓަމްސްގައި ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި ކަސްޓަމްސްގެ އިސްވެރިން ވަނީ ރާއްޖޭގައި ކޮރިއަރ އަދި ޕޯސްޓްގެ ޙިދުމަތްދޭ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވި، މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކޮރިއަރ އަދި ޕޯސްޓްގެ ޙިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކަށް ވާހަކަދައްކައި، އެކަންކަމަށް ހައްލެއް ހޯދައިދިނުންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޙިދުމަތް ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުން ޙިދުމަތްދޭ ފަރާތްތަކާއި ކަސްޓަމްސްއާއި ދެމެދު މަޝްވަރާކުރެވުނުކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ ބައްދަލުވުމުގެ ތެރެއިން މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގުދަން ކުރުމުގައި ހުރި ދަތިކަންކަމަށެވެ. އެގޮތުން އެފަރާތްތަކުން މިހާރު ބޭނުންކުރަމުންދަނީ އެމްއޭސީއެލްގެ ގުދަނެއްކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ބައްދަލުވުމުގައި ކޮރިއަރ އަދި ޕޯސްޓްގެ ޙިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ކޮރިއަރ ޙިދުމަތްދޭ ފަރާތްތަކަކީ ޑެލިވަރީ ޗާޖަކާއިއެކު ރާއްޖެއިން ބޭރުން ތަކެތި ގެނެސްދޭ އެޖެންޓުންނެވެ. އަދި ޕޯސްޓްގެ ޙިދުމަތަކީ ރާއްޖެއިން ބޭރުން ތަކެތި ގެނެސްދޭ ޙިދުމަތެކެވެ. ނަމަވެސް މި ޙިދުމަތަކަށް ޑެލިވަރީ ޗާޖެއް ނުނަގައެވެ.