ބަރަކާތްތެރި
އަޟުޙާ ޢީދުގެ މުނާސަބަތުގައި،
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ
ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައި ބަރަކާތްތެރި އަޟުޙާ ޢީދު، އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ
އުފާވެރި މުނާސަބަތުގައި، މައްކާގެ
މުޤައްދަސް ބިމުގައި ހުރެ، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، މި ޢީދުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އެމަނިކުފާނަށް
ލިބިވަޑައިގެންނަވާ ވަރަށް ޚާއްޞަ އުފަލެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއަހަރު
ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނާއި، އިސްލާމީ
ޤައުމުތަކުގެ ވެރިންނަށާއި،
ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނަވާ ވަރަށްބޮޑު
އުފަލެއްކަމަށް ވިދާޅުވެފައިވެއެެވެ.
ރައީސްގެ
ހިތާބުގައި އަޟުޙާ ޢީދަކީ، މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމާއި އެކުވެރިކަން ބަދަހިކުރުމާއި އެކަކު އަނެކަކަށް
އެހީތެރިވެދީ، އަޅުގަނޑުމެންގެ
މެދުގައި އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަމުގެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ
ހިތްތަކަށް ގެނެސްދޭ ޢީދެއްކަމަށް
ވިދާޅުވެފައިވެއެވެ. އެހެންކަމުން، މި ޢީދުގެ އުފާވެރިކަން އެންމެންނާ ޙިއްޞާކޮށް، އަޅުގަނޑުމެންގެ މެދުގައި އަޚުވަންތަކަމުގެ
ގާތް ގުޅުން އިތުރަށް
ބަދަހިކުރުމުގެ ޢަޒުމް އާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި. އަދި މި
ޢީދުން ޢިބްރަތް ޙާޞިލު ކުރުމަކީ،
އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއްކަން ހަނދާންކުރުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ރައީސްގެ
ހިތާބް ނިންމަވާލައްވާފައިވަނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައިވާ އެއްބަނޑު އެއްބަފާކަމުގެ މަތިވެރި
ގުޅުން، އިތުރަށް ބަދަހިކުރުމުގެ
ތައުފީޤު، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމަށާއި، މިފަދަ އުފާވެރި މުނާސަބަތުތައް
ބާއްޖަވެރިކަމާއި އުފާފާގަތިކަންމަތީ،
މުޅި ރާއްޖެއަށާއި އިސްލާމީ އުންމަތަށް ތަކުރާރު ކުރެއްވުމަށް ދުއާ ކުރަމުންެނެވެ.
ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާގައެެވެ.