ގަޑިއަކު 300 މޭލު ބާރު މިނުގައި ދުއްވޭ ބުގާޓީގެ ސުޕަރ ލައިޓް ހައިޕަރ ކާރު "ބުގާޓީ ބޮލައިޑް" ތަޢާރަފްކޮށްފިއެވެ.
"ބުގާޓީ ބޮލައިޑް"ގެ ނަން ދީފައިވާ މި ކާރަކީ 1800 ހޯސްޕަވަރުގެ ހައިޕަރ ކާރެއްކަމަށް ބުގާޓީން ބުނެއެވެ.
ބުގާޓީގެ އައު ކާރުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ކުންފުނީގެ ރައީސް ސްޓެފަން ވިންކަލްމަން ވަނީ މިކާރަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރުމުގެ ބަދަލުގައި ރޭސްޖެހުމަށް ޚާއްސަ ކާރެއްކަމުގައިވާއިރު، މިކާރަކީ މި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ކާރެއްކަމަށް ވިދާޅުވެފައެވެ.
ވިންކަލްމަން ވިދާޅުވީ، މިކާރުގައި 8 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ 16 ސިލިންޑަރުގެ އިންޖީނެއް ހުންނައިރު، މިކާރުގެ ބަރުދަން ލުއިވުުމުގެ ސަބަބުން ދުވެލި ގަޑިއަކު 300 މޭލަށް އިތުރުކުރެވޭނެކަމަށެވެ. ދެ މީހުންގެ ޖާގައިގެ މިކާރުގެ އުސް މިނުގައި 3 ފޫޓު ހުންނައިރު، މިކާރުގެ ކުރިން ބުގާޓީއިން ނެރުނު ޗިރޮންއަށްވުރެ މިކާރުގެ ދިގުމިން ތަންކޮޅެއް ކުޑަވާނެއެވެ.
ވިންކަލްމަން ވަނީ، ކާރު އުފެއްދިއިރު ކާރުގެ ބަރުދަން ލުއިކޮށް އެއިރޯ ޑައިނަމިކްސް އިތުރުކުރުމަށް އިސްކަންދީފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކާރުގެ ބޭރު ކަވަރުގައި ބްލިސްޓަރ ބަބްލްސްގެ ޒަމާނީ ފަށަލައެއް ލާފައިވުމުން އެހެންކާރުތަކަށްވުރެ މި ކާރުގެ އެއިރޯ ޑައިނަމިކްސް 17 އިންސަތަ އިތުރުވާނެކަމަށް ބުގާޓީގެ ރައީސް ވިދާޅުވިއެވެ. ކާރުގެ ބަރުދަނުގައި ދެހާސް ހަތް ސަތޭކަ ޕައުންޑް ހުންނައިރު، މި ކާރުގެ ބަރުދަން ލުއިކުރުމަށްޓަކައި ކާރުގެ ސްޕެއަރ ޕާޓްތައް ހަދާފައިވަނީ ޓައިޓޭނިއަމުންނެވެ. އަދި ކާރުގެ ކަވަރު ހަދާފައިވަނީ ބަރުދަން ލުއި ކާބަން ފައިބަރއިންނެވެ.
ވިންކަލްމަން ވިދާޅުވީ ބުގާާޓީގެ އައު ކާރު ބާޒާރަށް ނެރޭނީ މިކާރު ގަންނާނެ ކަސްޓަމަރުން ލިބޭކަމުގެ ޔަޤީންކަން ލިބުމުންކަމަށެވެ.
ރޭސިންގްއަށް ޚާއްސަ މިފަދަ ކާރުތަކަކީ، ސަލާމަތީ ފީޗަރސްތައް މަދު ކާރުތަކެއްކަމުން މި ކާރުތަކަށް އާންމުންގެ ޑިމާން ބޮޑު ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ބުގާޓީއާއި، ލަމްބޯގިނީ މީގެ ކުރިން އުފެއްދި މި ފަދަ ކާރުތަކުގައި އެއަރ ބޭގާއި، ސޭފްޓީ ގިއަރުތައް ނެތުމުން ވިޔަފާރިވާނެކަމަށް ލަފާކުރިވަރަށްވުރެ ވިޔަފާރި ވަނީ ދަށްވެފައެވެ.
ބުގާޓީގެ ރައީސް ވަނީ "ބުގާޓީ ބޮލައިޑް"ގެ އަގުހެޔޮ ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން ކޯވިޑްގެ ޙާލަތުން އަރައިގަތުމަށްފަހު ބުގާޓީގެ އަގުހެޔޮ ކާރު ސީރީޒެއް ނެރޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.