ޚަބަރު

ކުޅިވަރުގެ ދާއިރާގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކުޅިވަރު ޤާނޫނަށް އިޞްލާޙް ހުށަހަޅައިފި


ރާއްޖޭގައި ކުޅިވަރު ހިންގުމަށްހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް މުހިއްމު ކަންތައްތަކެއް ހިމަނައި ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމަށްވެސް ހިމަނާފައިވާ މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ކުރީގެ ޔޫތް މިނިސްޓަރ ޙަސަން ލަތީފްއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި، އެ މުއްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ޤާއިމްކުރުމަށްކަމަށް ބިލު ހުށައެޅުވި މެންބަރު ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ވަޞީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމާއި، އެފަދަ ވަޞީލަތްތައް ޤާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުޞޫލެއް ޤާއިމްކުރުންވެސް ބިލް ހުށައެޅި މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ
އިންތިޚާބުތަކެއްކަމުގައި ހެދުންވެސް މި ބިލް ހުށައެޅުމުގެ މަޤްޞަދުތަކުގެތެރޭގައި ހިމެނެއެވެ.

މި ބިލު މަޖިލީހަށް ހުށައެޅުއްވިކަން ހާމަކުރައްވައި ކުރެއްވި ޓުވިޓެއްގައި މެންބަރު ޙަސަން ލަތީފް ވިދާޅުވީ މި ބިލް ޤާނޫނަކަށްވާއިރު ކުޅުންތެރިންނާއި ކުޅިވަރު ހިންގެވުމުގައި ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތައްކަށް ރަނގަޅު ހައްލެއް ހޯދޭނެކަމަށެވެ.