ޚަބަރު

"ސީރޯ ޕްރިވެލަންސް ސަރވޭ"ގެ ސާމްޕަލް ނެގުން ދެ ދުވަހަށް މެދުކަނޑާލައިފި


ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ އެންޓިބޮޑީސް ޓެސްޓްކުރާ "ސީރޯ ޕްރިވެލަންސް ސަރވޭ"ގެ ސާމްޕަލް ނެގުން ދެ ދުވަހަށް މެދުކަނޑާލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދާއި މާދަމާ ސާމަޕަލް ނެގުން ހުއްޓާލާނެކަމަށާއި، ސާމްޕަލް ނެގުމަށް ހޮވިފައިވާ މީހުންގެ ސާމްޕަލް ދެން ނަގަން ފަށާނީ މިމަހުގެ 31ވަނަ ދުވަހުކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 އެއްމެ ބޮޑަށް ފެތުރުނު މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ދެނެގަނެ، ދެން އިތުުރަށް ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

ރާއްޖޭގައި މިހާރުއޮތް ކޯވިޑް-19ގެ ޙާލަތުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް "ސީރޯ ޕްރިވެލަންސް ސަރވޭ" މުހިންމު ދައުރެއް އަދާކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންވަނީ ވިދާޅުވެފައެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަބުރު މިހާރު ވަނީ ނިމިފައެވެ. އެ ބުރުގައި ސާމްޕަލް ނަގާފައިވަނީ 18 އަހަރުން ދަށުގެ ކުދިންގެއެވެ. މިހާރު މި ސަރވޭގެ ދެވަނަބުރު ފަށާފައިވާއިރު 4 ހަފްތާގެ މުއްދަތެއްގެ ތެރޭގައި ސަރވޭ ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.