ތަޢުލީމު

ޓީޗަރުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްކުރަނީ




ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަކީ އެޑިޔުކޭޝަން މިނިސްޓްރީން
ޤަބޫލުކުރާ ޓީޗަރުންކަން ކަނޑައަޅައި، ވަކި ލައިސަންސެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށް
ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން
ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ޓީޗަރސް
ލައިސަންސް ދޫކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެމިނިސްޓްރީން
ކުރިއަށްގެންދާކަމަށާއި، މިއަހަރުތެރޭގައި ޓީޗަރުންގެ ރެޖިސްޓްރޭޝަން ފަށައި، އަންނަ
އަހަރު ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނަކީ ލައިސަންސްގެ ދަށުން މަސައްކަތްކުރާނެ
ޓީޗަރުންތަކަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.



ޓީޗަރެއްގެ އެންމެ ދަށް ކޮލިފިކޭޝަނަކީ ޑިޕްލޮމާއެއް އޮތުންކަމަށްވާއިރު، ޑިޕްލޮމާ ނެތް ޓީޗަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ އެކި ފަރާތްތަކާއި ގުޅިގެން މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ޓީޗަރުންގެ ގޮތުގައި ތިބި
އެޑްވާންސް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށާއި އެއްވެސް ވަރަކަށް ތަމްރީނު
ލިބިފައިނެތް ފަރާތްތަށް ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަމަށެވެ.





ޓީޗަރސް ލައިންސަންސް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާންކުރުމުން
އެކަމާއިބެހޭ ލިޔެކިޔުންތައް ހުށަހަޅައިގެން ރާއްޖޭގައި ކިޔަވައިދޭ ކޮންމެ
ޓީޗަރެއްވެސް މިލައިސަންސް ހޯދަންޖެހެއެވެ.



ޓީޗަރުން
ރަޖިސްޓްރީކޮށް
އެ ފަރާތްތަކަށް ލައިސަންސް ދިނުމުގެ ބޭނުމަކީ ރާއްޖޭގެ ސްކޫލްތަކުގެ ތަޢުލީމީ
ފެންވަރު މަތިކޮށް، ދެވޭ
ތަޢްލީމާއިމެދު
ޢާންމުންގެ އިތުބާރު ހިފަހައްޓާ، ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ޙިމާޔަތްކޮށް މޮނިޓަރ ކުރުމުގެ ނިޒާމެއް ޤާއިމު ކުރުންކަމަށް
އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.