ޚަބަރު

އެންއައިސީގެ ރައީސްކަމަށް ޤާސިމް ޢައްޔަނުކުރައްވައިފި


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމަށް ޤާސިމް އަބްދުލްކަރީމް އައްޔަނުކުރައްވައިފިއެވެ.

އެމަޤާމަށް ޤާސިމް އައްޔަންކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް އަންގަވާފައިވާކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޤާސިމް ހިމެނޭހެން 4 ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު ނަންބަރު ރސ، 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ. އަދި މިދިޔަ އަހަރު އެމަޤާމަށް އައްޔަންކުރައްވާފައިވާ ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދާއެކު ފަސް މެންބަރުން ތިއްބަވާ ކޮމިޝަންގެ މެންބަރުންގެ ޢަދަދު ވަނީ ހަމަވެފައެވެ.

އެންއައިސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި ޤާސިމް ޢަބްދުލްކަރީމަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތް އެންމެ ފުރަތަމަ ފަޅާއަރުވާލި ބޭފުޅާއެވެ. އޭނާ ވަނީ ފ.ނިލަދޫ ބީއެމްއެލް ބްރާންޗުގެ މެނޭޖަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާ ދިޔަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

ނޭޝަނަލްއިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.