ރިޕޯޓް

މޮޅަދޫ ރައްޔިތުން ތަހައްމަލުކުރި ބަނދަރެއް ނެތުމުގެ ދަތިކަން ނިމުމަކަށް


މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އުތުރުގެ ރަށްތަކުގެ ތެރެއިން ހއ މޮޅަދޫއަކީ ލަފާފުރުމަށް ބަނދަރެއް ހެދިފައި ނެތް ރަށެކެވެ. މުޅި އަތޮޅުންވެސް ބަނދަރުހެދިފައި ނުވާ ރަށަކީ، މޮޅަދޫއެވެ. އެހެންކަމުން އެރަށުގައި ބަނދަރެއް ހެއްދެވުމުގެ މަސައްކަތް މިސަރުކާރުގެ ފުރަތަަ އަހަރުގެ ތެރޭގައި ވަނީ ފައްޓަވައި ދެއްވާފައެވެ.

ދައުލަތުގެ ބަޖެޓުން 26 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކުރާ ހއ މޮޅަދޫ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައވެޓް ލިމިޓެޑާއެވެ.އެކުންފުންޏާއި މަސައްކަތް ހަވާލު ކުރައްވާފައި ވަނީ، 8 ސެޕްޓެމްބަރ 2020ގައެވެ. އެދި އެމަޝްރޫއުގެ އަމަލީ މަސައްކަތް 23 ނޮވެމްބަރު 2019ގައި ފައްޓަވައި ދެއްވީ، ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މޮޅަދޫ ބަނދަރުގެ 40 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާއިރު މިހާރު ކުރިޔަށް ދަނީ ކީވޯލް ޖެހުމުގެ މަސައްކަތެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ، ބަނދަރުގެ ދެކުނުފަރާތުގައި ކީވޯލް ޖަހައި ނިއްމާފައި ވާއިރު މިހާރު އެ ސަރަހައްދު ވަގުތީ ގޮތުން ކުރަންވެސް ހުއްދަ ލިބިފައި ކަމަށެވެ. އަދި ފުރަތަަމަ ފަހަރަށް އަތޮޅު ފެރީ ހޯމަ ދުވަހު، މޮޅަދޫ ބަނދަރަށް ވަދެފައި ވާއިރު، އެއީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މީގެ ކުރިން މޮޅަދޫ ރައްޔިތުން އަތޮޅު ފެރީގައި ދަތުރުކުރަން ބޭނުންނަމަ ބޮއްކުރާ ފަހަރުގައި ޖެހެނީ ކަނޑަށް ނުކުމެގެން ފެރީއަށް އަރާށެވެ. އަދި ފެރީ އާއި ނާލު ބޯޓުފަހަރުގައި ގެންނަ މުދާވެސް ބާލަންޖެހެނީ، ކުދި ޑިންގީއަށް އާއި ބޮއްކުރާ ފަހަރަށް އަރުވައިގެންނެވެ. އަދި މޫސުމް ގޯސް ދުވަސްވަރެއް ނަމަ އޮޑިދޯނި ފަހަރާއި މުދަލަށްވެސް ގެއްލުންތައް ލިބެމުން އައެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ، ބަނދަރު ހަދަންފެށުމުގެ ކުރިން އުމުރާނީ ތަރައްޤީއަށް، ހާއްސަކޮށް ގެދޮރު އިމާރާތް ކުރުމަށް، ރަށަށް ގެންނަ ތަކެތި ރަށަށް ބާލަން އުދަގޫވުމުން ރަށުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ގޮންޖެހުން ތަކާއި ހުރަސްތައް ކުރިމަތިިވިކަމަށެވެ. އަދި މޮޅަދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ދިގު މުއްދަތެއް ހޭދަވެގެން ދިޔަކަމަށާއި އެހެންނަމަވެސް މި ސަރުކާރުން މިމައްސަލައަށް ޙައްލެއް ގެނެސްދެއްވިކަމީ މޮޅަދޫގެ ރައްޔިތުން ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ނިސްބަތުން މޮޅަދޫއަކީ ކުޑައާބާދީ އޮތް ރަށެކެވެ. އެރަށުގެ ރައްޔިތުންް ލަފާ ފުރުމަށްޓަކައި މިހާތަނަށް ބޭނުން ކުރަމުން އައީ ފާލަމެކެވެ. މޮޅަދޫ ރައްޔިތުން އެންމެ އެދިއެދި ތިބިކަމަކީ ބަނދަރު ހެދުންކަން ބަނދަރުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ގުޅޭ ގޮތުން، ރައްޔިތުން ފާޅު ކުރަމުންދާ ޝުއޫރުތަކުންވެސް އެނގެއެވެ. މިގޮތުން އެރަށުގެ ބަޔަކު އިސްނަގައިގެން ހަދާފައިވާ ޕޭޖެއްގައި ރަށުގެ ރައްޔިތުންނަށާއި ރަށުން ބޭރުގައި ތިބި ރައްޔިތުންނަށް ބަނަދަރުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދަނީ އަދާހަމަކޮށް ގެނެސް ދެމުންނެވެ.