ޚަބަރު

ކޯވިޑް-19 : މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 27 މީހުން ރަނގަޅުވީ 39 މީހުން


އިތުރު 27 ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 11532އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 20 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 7 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 27 މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިންނެވެ. އަނެއް 10 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11532 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 39 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،563އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 30 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 37 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރުމި ވަނީ ހާހަކަށްވުރެ ދަށަށްގޮސްފައެވެ. އެގޮތުން ރާއްޖޭގައި މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 925އެވެ. އަދި 307 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި އެޑްމިޓްކޮށްގެން 37 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި ށ. ފުނަދޫ ފެސިލިޓީ އާއި ބ. އެދަފުށީގައު ހުންނަ ކޯވިޑް-19އަށް ފަރުވާދޭ ފެސިލީޓީގައި ފަރުވާދޭ 2 މީހުން ހިމެނެއެވެ. އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުން ދަނީ އެކަކަށެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ހދ. ހުޅުދުއްފުއްޓާއި، ރ. އުނގޫފާރެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1301 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި މި ބަލި ދެނެގަތުމަށް ނެގި ސާމްޕަލްގެ އަދަަދު ވަނީ 191،607އަށް އަރާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 23 ރަށަކުންނާއި، 26 ރިސޯޓެއްގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 35 ދިވެހިންނަށާއި، 13 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 29 ފަތުރުވެރިއަކާއި، 83 މުވައްޒަފަކު މިވަގުތު ޕޮޒޮޓިވްވެފައި އެބަތިބިކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.