ޚަބަރު

ބަނދަރުގެ ޖާގަކުޑަވެ ނެއްލައިދުއަށް ފެރީގެ ޚިދުމަތް ލިބުމަށްވެސް ދަތިވެފައި

ބަނދަރުގެ ޖާގައިގެ ދަތިވެފައިވާ ގިނަ ރަށްތަކެއްގެ ބަނދަރު ބޮޑުކުރުމުގެ ގިނަ މަޝްރުޢޫތަކެއް ސަރުކާރުންދަނީ ކުރިއަށްގެންދަމުންނެވެ. މިގެތެރެއިން އެއް ރަށަކީ ހދ.ނެއްލައިދުއެވެ. ބަނދަތުގެ ޖާގަ ދަތިކަމުގެ ސަބަބުން އެރަށަށް ފެރީގެ ޚިދުމަތް ދިނުމަށްވެސްވަނީ ދަތިވެފައެވެ.

ސަރުކާރުން 2020ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި، އުމުރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. އަލަށް ތަރައްޤީކުރާ ބަނދަރާއި، ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު ފުންކުރުމާއި މަރާމާތުގެ ގިނަ މަޝްރުޢޫތަކެއް ވަނީ ހިމަނާފައެވެ.

ބަނދަރަށް ޖާގަ އިތުރުކުުރުމުގެ މަސައްކަތް ފަށާފައިވާ އެއް ރަށަކީ، ހދ. ނެއްލައިދުއެވެ. ކުދި އުޅަނދުތައް ގިނަ ނެއްލައިދޫ ބަނދަރު މުޅިން އޮތީ ފުރި ތޮއްޖެހިފައެވެ. އެއް ޑިންގީ އަނެއް ޑިންގީ ޖެހިޖެހިގެން އަޅާފައި އޮންނައިރު، އަންނަ ދޯނިތަކަށް ބަނދަރު ކުރެވެނީ، އުޅަނދުތައް އެއްކައިރިކޮށް ޖާގަ ހަދައިގެންނެވެ. ބަނދަރަށް ވަދެ، ވާޓަރާއި އުޅަނދު ކައިރި ނުކުރެވި އޮންނަންޖެހޭ އެތައް ޙާލަތެއް ދިމާވެއެވެ.

ބަނަދަރަށް އަރާ ފައިބާ ސިޑި ކައިރިން ޖާގަ ނުލިބުމާއި، ރަށަށް އަރާ ފޭބުމަކީވެސް ދަތިވެފައިވާ ކަމެކެވެ. އުޅަނދުތައް ގިނަވުމުގެ ސަބަބުން އިތުރު އުޅަނދުތައް ކައިރިކުރާނެ ޖާގައެއް ނެއްލައިދޫ ބަނދަރަކު ނެތެވެ. ޚާއްސަކޮށް މަސްވެރިކަމަށް ފުރާ އުޅަދުތަކާއި، މުދާ އުފުލަން އަންނަ ބޯޓުތަކަށްވެސް ޖެހެނީ ދުރާލާ ޖާގަ ހަދަންކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

""އަތޮޅު ފެރީގެ ޚިދުމަތް ލިބުމަށްވެސް އެބަ ދަތިވޭ. ރަށު ބަނދަރާ ކައިރިނުކުރެވި، ބަނދަރު ބޭރުގައި އޮންނަންޖެހޭ. މަޑުކޮށްގެން އޮވެ ޖާގަހަދަން ލަސްވާތީ ފެރީ ނެއްލައިދޫ ބަނދަރަށް ނުވަދެ ދާ ޙަލަތްތައްވެސް ދިމާވެފައި އެބަހުރި." ހދ.ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ނާޒިމް ވިދާޅުވިއެވެ.

ބަނދަރުގެ ޖާގައިގެ ބޮޑެތި ދަތިކާއި ނެއްލައިދުއަށް ކުރިމަތިވެފައިވާއިރު މިހާރުވަނީ އެރަށުގެ ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމެޕެނީ އެމްޓީސީސީންނެވެ. އެރަށު ބަނދަރަށް 500ފޫޓު އިތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެދަށުން މިހާރު އެރަށުގައި ބޭނުންކުރަމުންދާ ބަނދަރު މަރާމާތުކުރުމާއި ފުންކުރުމާއި، ބޭރުތޮށި ފުޅާކުރުމާއި، ހިނގާ ސަރަޙައްދުގައި ޕޭވްމަންޓްލުންވެސް ހިމެނެއެވެ. ނެއްލައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ދެއްވި އިންޓަވިއުގައި އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ މަސައްކަތް ކުރިއަށްގެންދިއުމުގައި ބައެއް ދަތިތައް ހުރިކަމަށެވެ. ނަމަވެސް މިކަންކަމަށް ޙައްލު ހޯދައިގެން މަސައްކަތް ކުރިއަށްގެދިއުމަށް މަސައްކަތްކުރާ ކަމަށާއި، އަންނަ އަހަރުގެ މާރިޗުމަހަށް ހުރިހާ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރާކަމަށް ޢާދަމް އާޒިމް ވިދާޅުވިއެވެ.

"ބަނދަރުން ނަގާ ވެލި އަޅާނެ ތަނެއް ނެތިގެން މި ލަސްވަނީ. ނަމަވެސް މިހާރު ވެލި އަޅާނެ ސަރަހައްދެއް ލިބުމުން، މަސައްކަތް ނިމިގެންދާއިރު ރަށުގެ ބިން ބޮޑުވެގެން ދާނެ. މި މަސައްކަތްކުރަނީ މި މަސައްކަތާއިއެކު ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް." އެމްޓީޓީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

ނެއްލައިދޫ ބަނދަރަށް ބޭނުންވާ ހުރިހާ ސާމާނެއް ރަށަށް ގެންގޮސްފައިވާއިރު، ބޭރުތޮއްޓަށް ބޭނުންވާ ބޮޑު ހިލަވެސް ގެންނަމުންދާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. 32 ހެކްޓަރުގެ ނެއްލައިދޫގައި 800 މީހުންގެ އާބާދީއެއް އޮވެއެވެ.