ވިޔަފާރި

މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހުގެ މެދުތެރޭ ހުޅުވޭވަރުވާނެ- ޓޫރިޒަމް މިނިސްޓަރ


މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހުގެ މެދުތެރޭ ހުޅުވުމުގެ ހުއްދަ ދެވޭވަރުވާނެކަމަށް އުއްމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާ ގެސްޓުހައުސްތަށް ހުޅުވުމުގެ ހުއްދަ ދެވޭނީ އެޗްޕީއޭއިން ހުއްދަ ދިނުމުންކަމަށެވެ.

" މާލެ ސަރަޙައްދުގެ ގެސްޓުހައުސްތައް ބަންދުކޮށްފައި ބަހައްޓާ ކޮންމެ ދުވަހަކީ ގެއްލުން ވާ ދުވަސްތައް، އުއްމީދަނީ އަންނަ މަހުގެ މެދެއްހާތާގައި ހުޅުވިގެންދިޔުން، މިކަންތައްތައް ގުޅިފައިވަނީ ރާއްޖޭގެ ކޯވިޑު މެނޭޖްމަންޓާއި ނަމްބަރުތަކާއި، ހުޅުވާލަން އެޗްޕީއޭއިން ހުޅުވާލަން ހުއްދަ ދޭހާ އަވަހަކަށް ޓޫރިޒަމް މނިސްޓްރީން އެމަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ ކޯވިޑް19އަށް ފޮޒިޓިވްވާ މީހުންގެ އިންސައްތަ 5 އިންސައްތައަށް ނާރުވާ ވިދިވިދިގެން 2 ހަފްތާ ހިފަހައްޓާލުމުން ކަމަށެވެ. އަދި މިއީ އެންމެން ގުޅިގެން ކުރެވިދާނެކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

212 ދުވަހަށްފަހު މިމަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ސަރަޙައްދު ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައެވެ. މިއާއެކު މިހާތަނަށް 29 ގެސްޓުހައުސްއެއް ވަނީ އަލުން ހުޅުވާފައެވެ.

ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދެއްވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށެވެ. މިއީވެސް އެރަށެއްގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ. އެގޮތުން ގެސްޓްހައުސްތަށް ހުޅުވުމުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލުގައިވާ ގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކަށެވެ. އަދި ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްކް އެޅުން މަޖުބޫރެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުން މަނާވާނެއެވެ.