ޚަބަރު

ކޯވިޑް-19ގެ ޙާލަތުގައި އދ.ގެ މުހިންމުކަން ބޮޑު: މިނިސްޓަރ ޝާހިދު


ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑުވަޅުގައި އ.ދ. ގެ މުހިންމުކަން އިތުރަށް އިހްސާސްވާކަމަށް ވިދާޅުވެ އދ.ގެ އަލިމަސް ޔޫބީލްގެ ތަހުނިޔާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފޮނުއްވައިފިއެވެ.

އ.ދ. އގެ 75 ވަނަ އަހަރީ ދުވަހގެ މުނާސަބަތާއި ގުޅިގެން ފޮރިން މިނިސްޓަރގ ޢަބްދުﷲ ޝާހިދު ފޮނުއްވެވި މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް އ.ދ. ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ، ބައިނަލްއަޤުވާމީ ސުލްޙަޔާއި، އިޤްތިޞާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ގޮވާލާ ޤައުމެއްކަމަށެވެ.

1965 ވަނަ އަހަރު އ.ދ. ގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ދިވެހިރާއްޖެ ދެމިއޮތީ، އ.ދ. ގެ ތެދުވެރި އަދި އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެއަކީ ނިސްބަތުން ކިތައްމެ ކުޑަ ޤައުމެއްކަމުގައި ވިޔަސް، އ.ދ.ގައި ދިވެހިރާއްޖެއިން ދައްކުވައި ދެނީ، ބައިނަލްއަޤުވާމީ ފެންވަރެއްގައި އެހެނިހެން ޤައުމުތަކާއި އެއްހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަންކަމަށެވެ.

މިހާތަނަށް އ.ދ. ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ކުދި ޤައުމުތަކަކީ އ.ދ. ގެ މުހިންމު ބައިވެރިންތަކެއްކަން ދައްކުވައިދިނުމުގެ އިތުރުން، 21 ވަނަ ޤަރުނުގައި ތަޢާރަފުވެގެން އަންނަ އައު ގޮންޖެހުންތަކަށް ހައްލުހޯދުމުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރެވިދާނެ ކަމުގެ ހެއްކެއްކަމަށެވެ. އަދި މިއަދާ ހަމައަށް، 75 އަހަރު ވަންދެން އ.ދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒްމް އަށް މަގުއަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރަކަށް ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރާއްޖެއަށް ކުރިމަތިލަމުން ދާއިރު، އ.ދ.ގެ ހަޤީޤީ ރޫހުގައި ތިބެ، ފަހި މުސްތަޤްބަލަކަށް ކުރިއަށް ދިޔުމަށްޓަކައި ރާއްޖޭގެ ޔަގީންކަން އެ ޖަމުއިއްޔާގައި އެބައޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، އެންމެން ގުޅުވައިދީ، އެކަކު އަނެކަކަށް އިޙްތިރާމާއި ޤަދަރާއެކު މުސްތަޤްބަލަށް ވާސިލްވުމަށް އ.ދ. އިން ކަށަވަރުކޮށްދޭކަމަށްވެސް ފޮރިންގ މިނިސްޓަރގެ މެސެޖުގައިވެއެވެ.