ރިޕޯޓް

ލޭގެ ޕުރެޝަރު ދަށްވުމާއި ފުލަވަނޮލް ގިނަ ކާނާ އާއި ގުޅުމެއްވޭ: ދިރާސާ


ފްލަވަނޮލް ކިޔާ މާއްދާއެއް ގިނައިން ހުންނަ ކާނާ ބޭނުންކުރުމުން ލޭގެ ޕުރެޝަރު ދަށްކޮށްދޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ފްލަވަނޯލަކީ ސަޔާއި ބައެއް ކަހަލަ މޭވޭގައި ހުންނަ މާއްދާއެކެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުތަކުގެ ބެރީއާއި އާފަލު ހިމެނެއެވެ. ގަސްގަހާގެހީގައި ހުންނަ ފްލަވަނޯލުން އެކި ކަހަލަ ސޫފިތަކާއި ޖަނަވާރުންގެ އުނދަގުލުން ގަސްތައް ރައްކާތެރިކޮށްދެއެވެ. އިންސާނުންގެ ހަށިގަނޑަށްވެސް އޭގެ ސަބަބުން އަސަރުތަކެއް ކުރެއެވެ. އެ އަސަރުތަކުގެ މާ ބޮޑު ތަފްސީލުތަކެއް މިހާތަނަށް ލިބިފައިނުވި ނަމަވެސް އެއީ ހެޔޮ އަސަރުތަކެއްކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

އިނގިރޭސިވިލާތުގެ ސައިންސުވެރިންވަނީ އެ ޤައުމުގައި ދިރިއުޅޭ 25،000އަށްވުރެ ގިނަ މީހުންގެ ކެއުމުގެ އާދަކާދަތައް ދިރާސާކޮށް، އެމީހުން ކެއުމުގައި ބޭނުންކުރާ ބާވަތްތަކާއި ލޭގެ ޕުރެޝަރާ ދެމެދު ގުޅުމެއް ވޭތޯ ބަލައިފައެވެ. ލޭގެ ޕުރެޝަރު މަތިވުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭކަމެކެވެ.

މީގެ ކުރިން ކޮށްފައިވާ އެހެން ދިރާސާތަކުންވަނީ ފްލަވަނޯލާއި ޞިއްޙީ ފައިދާތަކާއި ގުޅުމެއް ވާކަމަށް ދައްކާފައެވެ. އެ ދިރާސާތައް ކޮށްފައިވަނީ ދިރާސާގެ ބައިވެރިން ދުވާލެއްގެ މައްޗަށް ކާ އެއްޗެއްސާއި އޭގެ މިންވަރު ނޯޓުކޮށްގެންނެވެ. ޕުރޮޓީންސާއި ހަކުރު ހިމެނޭ ބާވަތްތައް ދަފްތަރުކުރުމުގައި ބައެއް ފަހަރު ފަރުވާކުޑަވުން އެކަށީގެންވާތީ، އެގޮތަށް ނޯޓުކޮށްގެން ކުރާ ތަހުލީލުތަކުގައި ހިމަނާފައިވާ ޢަދަދުތައް ސީދާ ނުވުން އެކަށީގެންވެއެވެ.

އެކި ބާވަތްތަކުގެ ކާނާގައި ފްލަވަނޯލް ހިމެނެނީ އެކި މިންވަރަށް ކަމަށްވުމުން އޭގެ ސަބަބުންވެސް އެއްކުރާ މަޢުލޫމާތާއި އަސްލު ޢަދަދުތަކާއި މެދުގައި ތަފާތުތަކެއް ހުރުންވެސް އެކަށީގެންވެއެވެ. މިސާލަކަށް ބަލާނަމަ އިނގިރޭސިވިލާތުގައި ވަރަށް ގިނައިން ބޭނުންކުރާ ބުއިމެއް ކަމަށްވާ ސައިގެ 100 ގުރާމުގައި 100 މިލިގުރާމާއި 300 މިލިގުރާމާއި ދެމެދުގެ ޢަދަދަކަށް ފްލަވަނޯލް ހުރެއެވެ.

އެފަދަ އެހެން ދިރާސާތަކާ ޚިލާފަށް އިނގިރޭސިވިލާތުން ކޮށްފައިވާ މި ދިރާސާއަކީ ކުޑަކަމުދާ ތަކެތީގައި ހުންނަ މާއްދާތައް ދިރާސާކޮށް ހަށިގަނޑުން ފްލަވަނޯލު ނަގައިގަންނަ މިންވަރު ބެލި ފުރަތަމަ ދިރާސާއެވެ. އެހެންކަމުން މި ދިރާސާއަކީ ވަރަށް ފެންވަރު ރަނގަޅު އަދި މުހިންމު ދިރާސާއެއްކަމަށް ސައިންސުވެރިން ޤަބޫލުކުރެއެވެ.

އިނގިރޭސިވިލާތުގައި ކުރި ދިރާސާއަށް ޚަރަދުކޮށްފައިވަނީ ޔޫކޭ މެޑިކަލް ރިސާޗް ކައުންސިލާއި، ނޭޝަނަލް އިންސްޓިޓިއުޓު އޮފް ހެލްތު ރިސާޗުގެ އިތުރުން ޗޮކުލެޓުގެ މަޝްހޫރު ބާވަތެއްކަމަށްވާ އެމްއެންޑްއެމްއައި އެހެނިހެން ފޮނި ކާތަކެތި އުފައްދާ މަޝްހޫރު ކުންފުނި، މާސްއުންނެވެ.

އެ ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި ދެ ފަރާތަކީ މާސްގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ. މާސްއިން ބުނީ އެ ކުންފުނިން ފްލަވަނޯލް ދިރާސާކުރަމުންދާތާ 20 އަހަރު ވެފައިވާކަމަށެވެ. ޗޮކުލެޓު ހެދުމަށް ބޭނުންކުރާ ކޮކޯއަކީ ފްލަވަނޯލް މުއްސަނދި ބާވަތެއްކަމުގައި ވިޔަސް ޗޮކުލެޓު ހެދުމުގެ މަރުހަލާގެ ތެރޭގައި ކޮކޯގައި ހުންނަ ފްލަވަނޯލް ހަލާކުވާތީ ޗޮކުލެޓުގައި ފްލަވަނޯލް ގިނަފަހަރު ނުހުންނަކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާސާކުރި ފަރާތުން ބުނީ ފްލަވަނޯލް ބޭނުންކުރާ ޢަދަދު އެންމެ ދަށް މީހުންނާއި އެންމެ މަތި މީހުންގެ ދެމެދުގައި ލޭގެ ޕުރެޝަރުގައި ހުރި ތަފާތަކީ 2 އެމްއެމްއެޗުޖީއާއި 4 އެމްއެމްއެޗުޖީއާ ދެމެދުގެ މިންވަރެއްކަމަށެވެ. އެ ތަފާތަކީ މާ ބޮޑު ތަފާތެއްކަމުގައި ނުވި ނަމަވެސް އެ ނަތީޖާއަކީ މެޑިޓޭރިއަން ޑައިޓެއް ނުވަތަ ޑައިޓަރީ އެޕްރޯޗަސް ޓު ސްޓޮޕް ހައިޕާޓެންޝަން (ޑޭޝް) ޑައިޓު ބޭނުންކުރާ މީހުންގެ ކިބައިންނާއި ކެއުމުގައި ލޮނު ބޭނުންކުރުން މަދުކުރުމުން ފެންނަ ނަތީޖާއާ އަޅާކިޔޭ ނަތީޖާއެއްކަމަށް ދިރާސާކުރި ފަރާތުން ބުންޏެވެ.

އެ ދިރާސާއިން ފްލަވަން ލިބޭ މިންވަރު އިތުރުވުމާ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި އުމުރު ދިގުވުމާމެދު ގުޅުމެއް ފެނިފައި ނުވާކަމަށް އެ ފަރާތުން ފާހަގަކުރިއެވެ. ނަމަވެސް ބަޔޯމާކަރު ބޭނުންކޮށްގެން ދިރާސާކޮށްފައިވާތީ ޕުރެޝަރަށް އައި ކުޑަ ބަދަލަކީވެސް ފްލަވަނޯލްގެ އަސަރުކަމަށް ޔަޤީންކޮށް އެނގޭކަމަށް އެ ފަރާތުން ބުންޏެވެ. ފްލަވަނޯލްގެ ސަބަބުން ލޭގެ ޕުރެޝަރަށް އަންނަ ބަދަލުތައް އިތުރަށް ތަހުގީގުކުރުމަށް ފުޅާ ތަހުލީލުތަކެއް އަދި ކުރަންޖެހޭނެއެވެ.