ޚަބަރު

މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވައިފި


ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވާކަމަށްބުނެ ގިނަ ތުހުމަތުތަކެއްކޮށް އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރުކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލާއި ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާތީއެވެ. މިމައްސަލާގައި ޝުކޫރު އެކި ފަހަރު މަތީން މިމީހާއި ބައްދަލުކޮށް ހަދާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ.ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތް ކޮށްފައިވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވާހިނދު، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވެފައިވާކަމަށެވެ.

ޝުކޫރާއި ގުޅޭ ގޮތުން ޖޭއެސްސީން ތަޙްޤީގުކުރަމުންދާ އިތުރު 8 މައްސަލައެއް


* ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ހެކި ނެތިގެން ދާކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ
* މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމާއި ހައްޔަރުކުރެވޭ ފަރާތްތަކާ، އަޙްމަދު ޝުކޫރު ގާތްގުޅުމެއް ބޭއްވުން.
* މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކުށްތަކާއި ގުޅުން އޮންނަ ގއ.ވިލިނގިއްޔަށް ނިސްބަތްވާ ފަރާތްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޙުކުމްކުރަމުން ދިއުމުގެ މައްސަލަ.
* ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ކޮށްފައިވުން.
* ފަހުގެ ތާރީޚްގައި ގއ.ވިލިނގިލިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި ދޫކޮށްލައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ.
* ފުލުހުން ކޯޓަށް ޙާޟިރުކޮށް އިންޒާރުދިންކަމަށް ބުނާ މައްސަލަ.
* ތަޙްޤީޤުކުރަމުން އަންނަ މައްސަލަތަކުގައި ކޯޓަށް ދާ ފުލުހުންނަށް ޖެއްސުންކުރުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި ތުހުމަތުކުރެވޭ ފަރާތްތައް ދިފާޢުކުރާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ.
* ގއ.މާމެންދޫ ސްޓަރލައިޓް އަބޫބަކުރުގެ ފުނަގަސްތަކެއް ކަނޑައި ބޭނުންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެ ގަސްތަކުގެ ބަދަލުދޭން ޙުކުމް ކޮށްފައި ވާތީ އެ ބަދަލު ލިބިގަތުމަށް ގއ.މާމެންދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ ލަސްކުރަމުން ދާކަމަށް ބުނާ ޝަކުވާ.

ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ އަޙްމަދު ޝުކޫރު މައްސަލަ މަޖިލީހަށް ފޮނުވަން ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 76 ވަނަ ބައްދަލުވުމުގައެވެ.