ވިޔަފާރި

އިފުރު އެއަރޕޯޓާއި ރިސޯޓް 65 މިލިއަން ޑޮލަރަށް ވިއްކާލަނީ

އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްޤީކޮށްފައިވާ އިފުރު ރިސޯޓު 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާނު ކޮށްފިއެވެ.

އިފުރު އެއަރޕޯޓާއި އިފުރު ރިސޯޓް ތަރައްޤީކޮށްފައިވަނީ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއިންނެވެ. މިއަހަރުގެ މެއި މަހުގެ ތެރޭގައިވެސް މިތަން ވިއްކާލަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެއިރު އަގު ހާމަކޮށްފައެއް ނުވެއެވެ.

ސީއީއޯ މެގަޒިންގައިވާގޮތުން އިފުރު އެއަރޕޯޓާއި، ރިސޯޓްގެ އިތުރުން ބ.ފުނަދޫ 50 އަހަރުގެ މުއްދަތަކަށް ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. އިފުރު ރިސޯޓްގެ ބޮޑުމިނަކީ 56.52 ހެކްޓަރެވެ. މި މެގަޒިންގައި ބުނެފައިވަނީ އިފުރު ރިސޯޓަކީ ގުދުރަތީގޮތުން ރީތިކަން ލިބިފައިވާ ރިސޯޓެއްކަމަށެވެ.

އިފުރު ރިސޯޓުގައި 150 ވިލާ ހުރެއެވެ. އޭގެތެރޭގައި 6 ޓްވިން ވިލާއާއި، 100 ޑްޕްލެކްސް ވިލާއާއި، 35 ބީޗް ބިލާގެ އިތުރުން ޕޫލްއާއިއެކު 9 ބީޗްވިލާ މި ރިސޯޓްގައި ހުރެއެވެ. މިއީ 300 އެނދުގެ ރިސޯޓެކެވެ. އަދި މި ރިސޯޓުގައި 6 ރެސްޓޯރެންޓެއް ހުރެ އެވެ.

އިފުރު އެއަރޕޯޓަކީ 2015 ވަނަ އަހަރުން ފެށިގެން އޮޕަރޭޓްކުރަމުންއަންނަ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގައި 1200 މީޓަރުގެ ރަންވޭއެއް އޮވެއެވެ. އިފުރު އެއަރޕޯޓް އަދި ރިސޯޓާއިއެކު ވިއްކާލާ ބ.ފުނަދޫއަކީ 12 ހެކްޓަރުގެ ރަށެކެވެ.