ވިޔަފާރި

ރިސޯޓަށް އަންނަ ފަތުރުވެރިންނަށްވެސް ގެސްޓްހައުސްތަކަށް ދިއުމަށް މިހާރު ހުރަހެއް ނެތް


ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން އެމީހުން ޗުއްޓީ ހޭދަކުރަން އަންނަ ތަން ނޫން އެހެން ތަންތަނަށް ދެވޭގޮތަށް "ސްޕްލިޓް ސްޓޭ" ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތަކަކަށް މިހާރު ސްޕްލިޓް ސްޓޭ ހުއްދަ ދީފައިވާކަމަށެވެ. މި ބަދަލާއިއެކު ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިއަކަށްވެސް ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީއަށްވެސް ދެވޭނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ހުއްދަދިން ނަމަވެސް ސްޕްލިޓް ސްޓޭއާއި ގުޅިގެން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންއަށް އަމަލުކޮށް ކުރިއާލާ ހުއްދަ ނަގަންޖެހޭނެކަމަށެވެ.

މީގެކުރިން ޓުއަރިޒަމް މިނިސްޓްރީން ސްޕްލިޓް ސްޓޭ ހެދުމުގެ ހުއްދަ ދޫކޮށްފައިވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދިއުމަށް އެކަންޏެވެ.

ސްޕްލިޓް ސްޓޭއަށް ހުއްދަ ދިނުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 27217 ފަތުރުވެރިން ވަނީ އައިސްފައެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ރިސޯޓްތަކާއި ސަފާރީތަކުން އަލުން ފަތުރުވެރިންނަށް ޙިދުމަތްދޭން ފަށާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.