ރިޕޯޓް

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މިމަހުގެ ނިޔަލަށް ނިމޭނެ: އެމްޓީސީސީ


ހދ. ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައި ވާކަމަށާއި މިމަހުގެ ނިޔަލަށް މަސައްކަތް މުޅިން ނިމޭނެ ކަމުގައި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ، ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ 98 ޕަސެންޓް މަސައްކަތް މިހާރު ނިމިފައި ކަމަށާއި، ފަޅު ފުންކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައި ކަމަށެވެ.

އެކުންފުނިން ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ މިމަހުގެ ނިޔަލަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 236،844 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 24،450 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރުމާއި، އެއްގަމުތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރު ކުރުމާއި، އެ ސަރަހައްދުގައި ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 129،529 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު މޮބިލައިޒް ކުރެވިފައި ވަނީ 26 ޑިސެމްބަރ 2018 ގައެވެ.