ވިޔަފާރި

ރާއްޖޭގެ ގެސްޓުހައުސްތައް ބްރޭންޑްކުރަނީ


ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ބުޓީކް ހޮޓެލްތަކަށް ރީ ބްރޭންޑްކުރުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގައި ހިންގާ ގިނަ ގެސްޓުހައުސްތަކަކީ ވަރަށް ރީތިކޮށް ފަރުމާކޮށްފައި ހުންނަ ތަންތަން ކަމަށާއި، އެތަންތަނަށް އެންމެ އެކަށީގެންވާ ނަމަކީ ބުޓީކް ހޮޓެލް ކަމަށެވެ.

" އެންމެ މުޙިއްމު ކަމަކަށް ކުރަން ނިންމާފައިވާ ކަމަކީ ގެސްޓުހައުސްތައް ރީ-ބްރޭންޑުކޮށްލުން، މުސްތަޤްބަލުގައި ރާއްޖޭގައި މިހާރު ރަށްރަށުގައި ހަދާފައި މިހުރި ރީތި ގެސްޓުހައުސްތައް ވާނީ ހޮޓާތަކަށް، އެއީ ބުޓީކް ހޮޓެލް، އޭރުން ފަތުރުވެރިންނަށްވެސް އޮޅުން ނާރާނީ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ބުޓީކް ހޮޓެލްތަކަކީ 100އަށްވުރެ މަދު ކޮޓަރިތައް ހުންނަ ހޮޓެލްތަކެވެ. އަދި އާއްމުކޮށް މިތަންތަނަކީ ވަރަށް ރީތިކޮށް ފަރުމާކޮށްފައި ހުންނަ ތަންތަނެވެ.

މިނިސްޓަރ ވިދާޅުވީ ބުޓީކް ހޮޓެލްތަކަށް ގިނަ ގެސްޓުހައުސްތައް ރީ-ބްރޭންޑުކުރެވިގެން ދިޔަނަމަވެސް ރަށްރަށުގައި ގެސްޓުހައުސްތައްވެސް ހުންނާނެ ކަމަށެވެ. ގެސްޓުހައުސްތައް ވެގެންދާނީ ހޯމް-ސްޓޭގެ ކޮންސެޕްޓަށް ހިންގާ ތަންތަނަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށުގެ މީހުން އެރަށަކަށް މާގިނަ ހޮޓެލްތައް އައުމުން، ވިޔަފާރިތައް ދަށަށް ދާނެ ކަމަށް ދެކި އެކަމާއި ކަންބޮޑުވާ ކަމަށެވެ. އެހެންނަމަވެސް ގިނަ އަދަދަކަށް ގެސްޓުހައުސްތައް ނުވަތަ ހޮޓެލްތައް ތަރައްޤީވެގެން ދިޔުމަކީ ހަމަ އެރަށަކަށް ކުރިއެރުންތައް ލިބިގެންދާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެެ.

މިނިސްޓަރ ވަނީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން ކޮންމެ ރަަށެއްވެސް ޕްރޮމޯޓުކުރުމުގައި އެރަށެއްގެ ތާރީޙީ އަދި އެރަށަކަށް ޙާއްސަ ވާހަކަތައް ފަތުރުވެރިންނަށް ކިޔާދީގެން އިޝްތިހާރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ކޮންމެ ރަށެއްގަވެސް އެރަށެއްގެ ސްޓޯރީ ލިޔުމުގެ ފުރުސަތު ލިބޭނެ، ކޮންމެ ރަށަކަށް މިހަދާދޭ ބޮޑު ވިއުގާގެ ތެރެއިން، އޭގެތެރެއިން އެރަށްރަށް އިޝްތިހާރުވާނެ، ޑެސްޓިނޭޝަން މަރކެޓިންގައިވެސް، ޑެސްޓިނޭޝަން ވިތިން ޑެސްޓިނޭޝަން މަރކެޓުކުރުން އެބަ ކުރިއަށްދޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި 500 އެއްހާ ގެސްޓުހައުސް ހިންގަމުންދާއިރު، މިއީ މިއީ ގާތްގަނޑަކަށް 10،000 އެނދެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 އިންސައްތައެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ 10 އިންސައްތަ އައީ ގެސްޓްހައުސްތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ 6000 އަށްވުރެ ގިނަ ވަޒީފާ ސީދާގޮތުން ގުޅިފައިވަނީ ގެސްޓްހައުސް ސިނާއަތާއެވެ.