ޚަބަރު

ގަދައިގައި މަނަދޫ އޮޑިފަހަރަށް ލިބޭ ގެއްލުންތަކަށް ބޭނުން ވަނީ އަވަސް ޙައްލެއް


މޫސުން ގޯސްވާ ދުވަސްވަރު އެކަމުގެ ގެއްލުން ރާއްޖޭގެ އެކި ރަށްތަކަށް ކުރަނީ އެކިގޮތަށް އެކި ވަރަށެވެ. ރަށުގެ އުސްމިނާއި، ރަށް އުފެދިފައިވާ ގޮތާއި އަދި ވަށައިގެން އެހެން ރަށްތައް ހުންނަ ރަށްރަށަށް މޫސުމީ އަސަރުކުރާ ގޮތްތައް ތަފާތެވެ. އަދި އެކި ދުވަސްވަރަށް އެކި ގޮތްގޮތަށްވެސް މޫސުމީ ގެއްލުންތަކާއި ކުރިމަތިވެއެވެ. ބިން ތިރި ރަށްތަކަށް އުދައެރުމާއި، އޮޔާއި ވައި ހުންނަ ގޮތުން ރަށްރަށުގެ ފަޅުތެރޭ ގަދަވެ އޭގެ ގެއްލުން އޮޑިފަހަރާއި މީހުންގެ މުދަލަށް ލިބެއެވެ.

ކަނޑު ގަދަވެ ވައިގަދަވާ ދުވަސްތަކުގައި ކަނޑުއުޅަނދުފަހަރަށް އެންމެ ބޮޑަށް ގެއްލުންތަކާއި ކުރިމަތިލާންޖެހޭ އެއް ރަށަކީ ނ.މަނަދޫއެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު މަނަދޫގައި ހަދާފައިވާ ބަނދަރަކީ ބޮޑު ބަނދަރެކެވެ. 1200ފޫޓު ދިގު، 350ފޫޓު ފުޅާ ބަނދަރަކީ ވައިގަދަވެ މޫސުންގޯސްވާ ދުވަސްވަރު، ރަށުގެ އުތުރު ފަރާތުން ބަނދަރުގައި ހަދާފައިވާ ނެރުން ބޮޑެތި ބާނި ވަންނަ ބަނދަރެކެވެ. މިއާއިއެކު ރަށަށް ދަތުރުކުރާ ދޯނިފަހަރާއި ލޯންޗުފަދަ އުޅަނދުތައް ބަނދަރަށް ވަނުމަށާއި، އަދި ބަނދަރުގައި އަޅާފައި ބޭއްވުމަށްވެސް އެތައް އުނދަގޫތަކެއް ކުރިމަތިވެއެވެ.

"ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް އޮޑިފަހަރަށް ލިބެމުންދޭ. ބާނި ބޮޑުވެ ބަނދަރުގައި އަޅާފައި އޮންނައިރު ދޯނިތަކާއި ލޯންޗުތައް ވާޓަރުގައި ޖެހި ގެއްލުންވަމުންދޭ. ބަނދަރުތެރޭ ދެކޮޅަށް ތެޅިތެޅި ވާކަނޑައިގެން ގޮސްވެސް ގެއްލުންތައް ލިބިފައި އެބަހުރި." ރަށުގެ ކައުންސިލްގެ ނައިބު ރައީސް ހުސައިން ނަޒީދު، ވިދާޅުވިއެވެ.

ނ. މަނަދޫގެ ނެރު ބައްދަލުކޮށްދިނުމަކީ ރަށުގެ މަސްވެރިންނާއި އޮޑިވެރިންވެސް ރަޢީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާ އެންމެ ބޮޑު އެއްކަންތަކެވެ. މި މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ މަނަދޫ ބަނދަރު ނެރު، ބަނދަރުގެ ދެކުނު ފަރާތަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ. މި މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ސަރވޭގެ މަސައްކަތް ނިންމައި، މިހާރުވަނީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އިޢުލާންކޮށްފައެވެ.

މަނދުއަކީ އެ އަތޮޅު އަދި އެ ސަރަހައްދުގައިވެސް މުހިންމު ރަށެކެވެ. ގިނަ ޚިދުމަތްތަކެއް ޤާއިމުކޮށްފައިވާ މަނަދޫއަށް އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަތުރުކުރެއެވެ.

" މަނަދޫ އޮޑިވެރިންނަށް އޮތް މައްސަލައެއް އެކަންޏެއް ނޫން، އަތޮޅުގެ ހުރިހާ ޚިދުމަތެއްހެން ހޯދުމަށް އަންނަނީ މަނަދޫއަށް. ބޭންކް، ޕޯސްޓް، ސިއްޙީ ކަންކަން، ޕީޖީ އޮފީސް ހުރީވެސް މިރަށުގައި." ނަޒީދު ވިދާޅުވިއެވެ.

މިވަގުތު ރަށަށް އެންމެ މުހިންމުވެފައިވާ މަސައްކަތް ނިންމައި ރައްޔިތުންނަށް ލުއި ހޯދައިދިނުމަށް ރަށުގެ ކައުންސިލާއި، އަދި އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުޙަލާގައެވެ.

ކައުންސިލުން ވިދާޅުވީ، ނެރުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް އުއްމީދު ކުރާކަމަށެވެ.

މި މަޝްރޫޢުއަށް ދެ މިލިއަން ފަންސާސް ހާސް ރުފިޔާވަނީ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ.

ނ.މަނަދުއަކީ އާބާދީގައި 3000އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.