ޚަބަރު

އޭސީސީގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި


އެންޓި-ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)ގެ މެންބަރުން މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު އެޖެންޑާކޮށްފިއެވެ. އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަށް ހުށައަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބޭއްވުމަށް މިއަދު އެޖެންޑާކޮށްފައިވަނީ މެންދުރު ކުރީ 11:00 އަށެވެ. މިއަދުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ޙާޒިރުކުރުމަށްވެސް އެޖެންޑާކޮށްފައިވެއެވެ. މީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ކޮމިޓީއަށް އެޖެންޑާކޮށްފައިވެއެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކޮމިޓީއަށް ވައްދާފައިމިވަނީ ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ދަޢުވާނުކުރަން ނިންމަވާފައިވާތީ މަޖިލީހުގެ ގިނަ މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އޭސީސީއަށް އަމާޒުވެފައިވަނިކޮށެވެ.

މެންބަރުން ވަނީ އޭސީސީން ހިންގާ ތަޙުގީގުތަކުގެ ފެންވަރާމެދު ސުވާލު އުފައްދަވާފައެވެ. އަދި އޭސީސީން ތަޙްގީގްކޮށް ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް ދައުވާނުކޮށް އަނބުރާ ފޮނުވާ މައްސަލާގައި އޭސީސީގެ މެންބަރުންގެ އިސްތިއުފާއަށްވެސް މެންބަރުން ގޮވާލައްވާފައިވެއެވެ.