ވ.ރަކީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫގެ ބޮޑު ބައެއް ނިމިއްޖެއެވެ. 
ރަކީދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.
އެމްޓީސީސީން ބުނެފައި ވަނީ މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. 
މިބަނދަރުގެ މަސައްކަތަކީ ވ.ރަކީދޫގައި މުޅިން އަލަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެރަށުގައި ހަދަނީ 164 މީޓަރު ދިގު ބަނދަރެކެވެ. މި މަސައްކަތުގައި ދެން ހިމެނެނީ 156މީޓަރު ސަރަޙައްދުގައި ބޭރު ތޮށި ލުމާއި، 74 މީޓަރު ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމާއި، 429 އަކަމީޓަރު ސަރަޙައްދުގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. 
ރަކީދޫގައި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގައެވެ. ބަނދަރުގެ ޢަމަލީ މަސައްކަތް ސައިޓްގައި ފަށާފައި ވަނީ މިއަހަރުގެ ޖޫންމަހުއެވެ. މިހާތަނަށް އައިއިރު މުޅި މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް ވަނީ މުޅިން ނިމިފައިކަމަށް އެމްޓީސީސީން ބުނެއެވެ.
		
										
			މި ޕްރޮޖެކްޓަކީ ސަރުކާރުގެ ބަޖެޓުން 18.5މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. 
ވ.ރަކީދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ކުޑަ އާބާދީއެއް އޮންނަ އެއް ރަށެވެ. 6.3 ހެކްޓަރުގެ ރަކީދޫގެ އާބާދީއަކީ 374 މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީ އުޅެނީ 200އިން ދަށުގައެވެ. ރަކީދޫގައި އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތްކީ މަސްވެރިކަމެވެ. 
އެރަށުގައި މީގެކުރިން އަރައިފޭބުމަށް ބޭނުންކުރަމުން އައިސްފައިވަނީ ކުޑަ ފާލަމެކެވެ. މިކަމުގެ ދަތިކަން އޮޑިވެރިންނާއި ރަށުގެ ރައްޔިތުންނަށް އައީ ކުރިމަތިވަމުންނެވެ.