ޚަބަރު

ހެލްތު މިނިސްޓަރ އަމީން މަޤާމުން އިސްތިއުފާ ދެއްވައިފި


ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރ އަމީން މަޤާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޞިއްހީ ދާއިރާ ތަރައްގީކޮށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރުމަށް ދެއްވި ފުރުޞަތަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާކަމަށެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދަކުން ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށިފައިވާ މުސައްކަތަށާއި ޚިދުމަތް ލާމަރުކަޒީ ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބެމުންދާ ކުރިއެރުން ފާހަގަކުރައްވާކަމަށެވެ.

އަމީންގެ ސިޓީގައި ވަނީ ކޯވިޑް-19އާއެކު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާ، ރާއްޖެއަކީ ސިޔާސީގޮތުން ހަލަބޮލި އަދި ވާދަވެރިކަންވެސް ބޮޑު ޤައުމެއްކަމަށް ބަޔާންކުރައްވައި އަމީން ވިދާޅުވީ ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޤައުމަށް ލިބެންޖެހޭ ހަގީގީ ކުރިއެރުމަށް އެތައް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

"މަނިކުފާނުގެ ވެރިކަމުގެ އުއްމީދު ގުޅިފައިވަނީ އަންނަންއޮތް އެތައް ޖީލަކާއެވެ. އެހެނަސް މިކަމަށް ހުރަސްއެޅުމަށް، އުއްމީދު ނެތިކޮށްލުމަށް އަދި މަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެއެވެ. ހަޤީގަތެއް އަދި އަސާސެއްނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް އަޅުގަނޑު މަޤާމުން ދުރުކުރުމަށް، ވާންކުރާކުރުމަކީ، ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ޙާލަތު އަޅުގަނޑަށް ވަޒަންކުރެވުނެވެ. އެހެންކަމުން މި ޙާލަތުގައި މަސްލަހަތު އެންމެރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުންކަމަށް ގަބޫލުކުރެވޭތީ، މިއަދުން ފެށިގެން މިނިސްޓަރ އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފިން." އަމީންގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މިސިޓީގައި އަމީން ވިދާޅުވީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަމުގައެވެ. އަދި އެމަސައްކަތުގައި އިސްދައުރެއް އަދާކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރެވުނީތީ އެކަމާއި ފަޚުރުވެރިވެވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވެފައިވެއެވެ. އަދި މިނިސްޓްރީ އޮފްހެލްތުގެ އެންމެހާ މުއައްޒަފުންނާއި އެންމެހާ ސިއްހީ ޚިދުމަތްތެރިން ކުރައްވަމުންގެންދަވާ ބުރަމަސްކަތަށް ތާއަބަދު ޝުކުރު ހައްގުމަކުގައި މިސިޓީގައިވެއެވެ.

މިނިސްޓަރ އަމީން މަޤާމުން އިސްތިއުފާ ދެއްވާފައިވަނި ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި އިހުމާލުވުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އޭސީސީން އެކަން ތަހްޤީޤުކޮށް މިނިސްޓަރ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމަވާފައިވަނިކޮށެވެ.

އަމީން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުން މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.