ރިޕޯޓް

ކުޑަކުދިންގެ ބުއްފުޅިން މައިކްރޯޕްލާސްޓިކުގެ އަސަރު– މައިންބަފައިންނަށް ބިރުވެރިކަމެއް


ކުޑަކުދިންނަށް ކިރުދިނުމަށް ބޭނުންކުރާ ބުއްފުޅީގެ ސަބަބުން އެކުދިންގެ ހަށިގަނޑަށް މައިކްރޯޕްލާސްޓިކުގެ އަސަރު ފޯރުމުގެ ފުރުޞަތު އޮތްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކުޑަކުދިންނަށްދޭ ފޯމިއުލާ ކިރު ތައްޔާރުކުރުމުގައި ޕްލާސްޓިކުން ހަދާފައި ހުންނަ ބުއްފުޅި ބޭނުންކުރުމުން މައިކްރޯޕްލާސްޓިކް ބޭރުވާކަމަށް ލެބޯޓްރީގައި ކޮށްފައިވާ ތަހުލީލުތަކުން ދައްކައެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1.6 މިލިއަން މައިކްރޯ ޕްލާސްޓިކް ޕާޓިކަލަށް ތުއްތު ކުދިން ހުށަހެޅޭކަމަށް ސައިންސްވެރިންވަނީ ލަފާކޮށްފައެވެ. އެގޮތަށް ކަންތައް ދިމާވަނީ ބުއްފުޅި ހޫނުކުރުމުގެ ސަބަބުންކަމަށް އެފަރާތުންވަނީ ފާހަގަކޮށްފައެވެ.

ބުއްފުޅީގެ ޒަރިއްޔާއިން ބޭރުވާ މައިކްރޯޕްލާސްޓިކުގެ ސަބަބުން ބޮޑުވަމުން އަންނަ ތުއްތުކުދިންގެ ޞިއްޙަތަށް މިހާރުން މިހާރަށް އަދި ދާއިމީ ގޮތަކަށް ކުރާނީ ކޮން އަސަރެއްކަމަށް ބުނާކަށް ނޭނގެއެވެ. އެކަން ދިރާސާކުރުމަށް ބޭނުންވާވަރަށް މަޢުލޫމާތު އެއްވެފައި ނުވާކަމަށް ދިރާސާކުރި އަޔަލެންޑު ޓްރިނިޓީ ކޮލެޖުގެ އެސިސްޓަންޓު ޕުރޮފެސަރު ލިވެން ޝާއޯ ވިދާޅުވިއެވެ.

ގިނަ ދުވަހު ބޭނުންކޮށް ވީރާނާވަމުންދާ ވަރަކަށް ޕުލާސްޓިކުން ކުދިކުދި އެތިއެތިކޮޅު ނެއްޓެއެވެ. އާންމު ދިރިއުޅުމުގައ ގިނަ ޢަދަދެއްގެ މައިކްރޯ އަދި ނެނޯ ޕްލާސްޓިކު އިންސާނާގެ ހަށިގަނޑަށް އެތެރެވަމުންދާކަމުގެ ގިނަ ހެކިތަކެއްދަނީ ފެންނަމުންނެވެ. އެފަދަ ޕާޓިކަލްތައް ހަށިގަނޑަށް މައިގަނޑު ގޮތެއްގައި އެތެރެވަނީ ކެއުމަށް ބޭނުންކުރާ ޖަނަވާރާއި މަސްފަދަ ތަކެތީގެ ހަށިގަނޑުގައި މައިކްރޯޕްލާސްޓިކު ހުރުމުންނާއި ގޭތެރޭގައި ހިފާގެންގުޅޭ ޕުލާސްޓިކު ތަށިތައްޓާއި ކޮތަޅުގެ ޒަރިއްޔާއިން ކާބޯތަކެއްޗަށް ބޭރުވާ ޕާޓިކަލްތަކުގެ ޒަރިއްޔާއިންނެވެ.

މައިކްރޯޕްލާސްޓިކް ޕާޓިކަލެއްގެ ބޮޑުމިން 5 މިލިމީޓަރަށްވުރެ ކުޑައެވެ. ނެނޯޕްލާސްޓިކް އަދި އެއަށްވުރެ ކުޑައެވެ. ނެނޯޕާޓިކަލެއްގެ ފުޅާމިނަކީ 1 މައިކްރޯނެވެ. އިންސާނެއްގެ އިސްތައްޓެއްގެ ފުޅާމިނުގައިވެސް 50 މައިކްރޯނު ހުރެއެވެ. މިއަހަރުގެ ކުރީކޮޅު ކުރި ދިރާސާއަކުން އިންސާނާގެ ހަށިގަނޑުގައި ހުންނަ ފިލްޓަރުކުމުގެ މަސައްކަތްކުރާ ހުރިހާ ގުނަވަނަކުންވެސް ޕްލާސްޓިކުގެ އަސަރުވަނީ ފެނިފައެވެ. ފުއްޕާމެއިން ނަގާފައިވާ ޓިޝޫ ސާންޕަލުގެ އިތުރުން ޗިސްމެއާއި ސްޕުލީނާއި ކިޑުނީއިންވެސް ޕުލާސްޓިކުގެ އަސަރު ފެނިފައިވާކަމަށް އެމެރިކަން ކެމިކަލް ސޮސައިޓީންވަނީ ފާހަގަކޮށްފައެވެ.

ދިރާސާކުރި ފަރާތުގެ ތަހުލީލުތަކުގައި ދިހަ ވައްތަރެއްގެ ބުއްފުޅިވަނީ ބޭނުންކޮށްފައެވެ. އެ ދިރާސާގެ ހޯދުންތަކުން އެނގުނީ ފުޅި ހޫނުކުރުމާއި އޭގެން ޕުލާސްޓިކު ބޭރުވުމާއި ގުޅުމެއްވާކަމަށެވެ.

ޕޮލީޕުރޮޕީލީން ޕްލާސްޓިކު ބޭނުންކޮށްގެން އުފައްދާފައިވާ ބުއްފުޅި ސްޓެރިލައިޒުކުރުމަށްފަހު 158 ފެރެންހައިޓުގެ ހޫނުމިނުގައި ހުންނަ ފެން އެއަށް އެޅުމުން އެއަށް އަޅާ ކޮންމެ ލީޓަރަކުން 16.2 މިލިއަން މައިކްރޯޕްލާސްޓިކް ޕާޓިކަލް ފުޅިން ބޭރުވާކަމަށް ދިރާސާކުރި ފަރާތުން ބުނެއެވެ. 203 ފެރެންހައިޓުގެ ހޫނުމިން ހުންނަ ފެން އެއަށް އެޅުމުން ބޭރުވާ މައިކްރޯޕްލާސްޓިކުގެ މިންވަރު އެއަށްވުރެ އިތުރެވެ. އެ ހޫނުމިނުގެ ފެން އެޅުމުން ކޮންމެ ލީޓަރަކަށް 55 މިލިއަން ޕާޓިކަލް ބޭރުވެއެވެ. އެހެންކަމުން ފުޅިއަށް އަޅާ ދިޔާތަކެތި ހޫނުވާ ވަރަކަށް ބޭރުވާ މައިކްރޯޕްލާސްޓިކުގެ މިންވަރުވެސް އިތުރުވާކަމަށް ސައިންސުވެރިން ބުނެއެވެ.

ޑަބްލިންގެ ޓްރިނިޓީ ކޮލެޖުގައި މަސައްކަތްކުރައްވާ ޕުރޮފެސަރު ޖޯން ބޯލެންޑު ވިދާޅުވީ މަގުބޫލު ސަބަބަކާ ނުލައި މައިންބަފައިން ކަންބޮޑުވާން ބޭނުންނުވާކަމަށެވެ. މައިކްރޯޕްލާސްޓިކްގެ ސަބަބުން ތުއްތުކުދިންގެ ހަށިގަނޑަށް ކުރާ އަސަރާއި ގުޅޭގޮތުން ބޭނުންވާ މިންވަރަށް މަޢުލޫމާތު ލިބެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކަން އެހެން އޮތްނަމަވެސް ޕުލާސްޓިކު ބުއްފުޅީގައި ފޯމިއުލާ ކިރު ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ ގައިޑުލައިނުތައް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން އަލުން މުރާޖަޢާކުރުމަށް ގޮވާލައިކަމަށްވެސް ބޯލެންޑު ވިދާޅުވިއެވެ.

ބުއްފުޅި ސްޓެރިލައިޒުކުރުމާއި ފޯމިއުލާ ތައްޔާރުކުރާ ގޮތަށް ބަދަލުތަކެއް ގެނެސްގެން މައިކްރޯޕްލާސްޓިކުގެ ނުރައްކާ ކުޑަކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. ދިރާސާކުރި ފަރާތުން ބުނީ ތުއްތު ދަރިފުޅުގެ ބުއްފުޅީގައި ޕުލާސްޓިކު ޕާޓިކަލްގެ އަސަރު ހުންނަ މިންވަރު މަދުކުރުމަށް މައިންބަފައިނަށް އެޅިދާނެ ފިޔަވަޅުތަކެއްވެސް ހުރިކަމަށެވެ. އެގޮތުން ފުޅި ސްޓެރިލައިޒުކުރުމަށްފަހު ހިހޫ ވުމަށް ވަގުތުކޮޅެއްދީ، ބޭނުންކުރުމުގެ ކުރިން މަދުވެގެން ތިން ފަހަރު ފުޅި ދޮވެވިދާނެއެވެ.

ފޯމިއުލާ ތައްޔާރުކުރުމަށް ޕްލާސްޓިކުން ހަދާފައިވާ ކޮންޓެއިނަރެއްގެ ބަދަލުގައި އެހެން ކަހަލަ ކޮންޓެއިނަރެއް ބޭނުންކުރެވިދާނެއެވެ. ފޯމިއުލާ ތައްޔާރުކުރުމަށްފަހު ބުއްފުޅިއަށް ބަދަކުރަންވާނީ ރަނގަޅަށް ކިރުފޮދު ހިހޫވުމުންނެވެ. ދިރާސާކުރި ފަރާތުން އިތުރަށް ބުނީ ބުއްފުޅިއަށް ފޯމިއުލާ އެޅުމަށްފަހު އެއްވެސް ވަރަކަށް އެ ފުޅި ތެޅުވުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ. އަދި ޕްލާސްޓިކު ތައްޓެއްގައި ތައްޔާރުކޮށްފައިވާ ފޯމިއުލާ ދެވަނަ ފަހަރަށް ހޫނު ނުކުރުމަށްވެސް އެފަރާތުން ބުންޏެވެ.