ރިޕޯޓް

ކަނޑުގަދަ ދުވަސްވަރު ދަތުރުކުރާއިރު އިތުރަށް ސަމާލުވާން ޖެހިފައި


ރާއްޖެއަށް މިހާރުކުރަމުންމިދާ ވިއްސާރައިގައި، ވައިބާރުވެ ކަނޑުގަދަވުމުގެ ސަބަބުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއްމިވަނީ ހިނގާފައެވެ. މިހާދިސާތަކުގައި  މީހެއްގެ ފުރާނައަށް ގެއްލުން ނުލިބުނުނަމަވެސް އުޅަނދުފަހަރަށާއި  މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. ހިތާމައަކީ އަދިވެސް ބައެއްފަރާތްތަކުން ދަތުރުކުރާއިރު މޫސުމަށް ބެލުމެއްނެތި ދަތުރުކުރަމުންދާކަމެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސުން މައުލޫމާތުދެއްވާ ގޮތުގައި ރާއްޖެއަށް މިހާރުކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ. ނަމަވެސް ރާއްޖެސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން މިސެޕްޓެމްބަރ މަހުގެ 14 އިން ފެށިގެންވަނީ އާދަޔާ ޚިލާފަށް ވައިގަދަވެ މޫސުން ގޯސްވެފައެވެ.މިމަހުގެ 15 ވަނަ ދުވަހުގެ ރޭ މާލެ އިން ފުރައިގެން  އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔަށް ދަތުރުކުރި "ސަން މާމިގިލި" ފެރީ އަޑިއަށްގޮސް އެފެރީން ދަތުރުކުރި 81  މީހުން  ހާލުގައި ޖެހިފައިވަނިކޮށް ސަލާމަތް ކުރެވުނު ނަމަވެސް މިކަން ވެގެންދިޔައީ ނުރައްކާތެރި ހަމައެހެންމެ ގިނަބަޔަކު ސިއްސުވާލި ކަމަކަށެވެ.  "ސަން މާމިގިލި" ފެރީން ސަލާމަތްވި މީހުންގެ ތެރޭގައި އެއްއަހަރު ނުވާ ތުއްތު ކުދިންނާއި، މާބަނޑު އަންހެނުންވެސް ހިމެނޭ. އެފެރީން ދަތުރުކުރި މީހުންގެ އަދަދު އަދިވެސް ޔަގީންވެފައި ނުވާކަމަށް ކޯސްޓްގާޑުން ބުނެއެވެ. މީގެ އިތުރުން 43 މީހުނާއެކު ދަތުރުކުރި ލޯންޗެއް ފުލްމޫން ރިސޯޓްގެ އެތެރެފަރާތު ނެރުމައްޗަށް އެރުމާއި، މާލެ އިން ފުރައިގެން ހއ. އަތޮޅަށް 129 މީހުންނާ އެކު ދަތުރުކުރި ބޯޓެއް ދިޔަވެ، އޭގެ ޕަންޕު ހަލާކުވުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާ އެކު ކާށިދޫއަށް ބޯޓު ގެންދިއުމުގެ އިތުރުން ރޭގެ ވަގުތެއްގައި 179 މީހުނަނާއެކު ކޮޅުމަޑުލަށް ދަތުރުކުރި ސަވާރީބޯޓު ފަރަކަށް އެރި ހާދިސާ ފާހަގަކުރެވޭ. މިހާރު ކުރަމުންމިދާ ވިއްސާރައާއި ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި ފުލުހުންވެސްވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި،  ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާނަމަ މޫސުން ކުރިއަށްލަފާކުރާގޮތް ބެއްލެވުމަށްފަހުނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.މޫސުމާބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓްރޯލިޖިސްޓް ހުސެއިން ވަހީދު ވިދާޅުވީ، މޫސުން ކުރިއަށް ލަފާކުރާގޮތް އަންގައި އެއިދާރާއިން އެލާޓްތައް ނެރެމުންދާއިރު، އެއެލާޓްތަކަށް ބެލުމެއްނެތި އެކިގަޑިތަކުގައި ދަތުރުކުރުމަކީ ނުރައްކާތެރިކަމެއްކަމަށެވެ. " އަޅުގަނޑުމެންމިދަނީ އެކި އެކި އެލާޓްތައް ނެރެމުން އެހެންވީމަ ދަތުރުކުރާއިރު އެބަޖެހޭ މިހާރަށްވުރެ ބޮޑަށް ސަމާލުވާން". މެރިން ޕޮލިހުން ބުނީ ކޮޅިގަނޑުގައި ވައިގަދަވެ ކަނޑު ގަދަވުމުން މިފަދަ ޙާދިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ ސިފައިންނާ ޢާއްމު ރައްޔިތުންނަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިނގި ކަނޑުމަތީގެ ހާދިސާތަކުން މީހެއްގެ ފުރާނައަށް ގެއްލުން ނުވިމަވެސް ސަލާމަތްވެފައިވަނީ، ސިފައިންނާއި، ފުލުހުންނާއި، ރިޒޯޓްތަކުގެ އިތުރުރުން ބައެއް ރަށްރަށުގެ އާންމުންގެ އެހީތެރިކަމާއެކު  ގިނަ ބައެއްގެ މަސައްކަތުނެވެ. މި ނުރައްކާތެރި ހާދިސާތަކުގައި ގެއްލުންވި ބައެއް އުޅަނދުތައް އަދިވެސް  ފުންނުކުރެވި ހުރިއިރު،  އާންމު ފަރާތްތަކާއި ވިޔަފާރިވެރިންގެ މުދަލަށްވަނީ ގެއްލުންވެ ޣަރަގުވެގެން ގޮސްފައެވެ.މިގެއްލުންތައް މިލިއަނުން ގުނާލެވެއިރު، މިފަދަކަންކަމަށް މިހާރަށްވުރެ ބޮޑަށް ކަނޑުދަތުރުކުރައްވާ ފަރާތަކާއި އާންމުރައްޔިތުންވެސް ސަމާލުވާންޖެހެއެވެ.