ޚަބަރު

އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާ ކުރިއަށްގެންދިއުމާއި މެދު ނޮވެންބަރު 9ގައި ގޮތެއް ނިންމަނީ


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދިއުމާއިމެދު އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ގޮތެއް ނިންމާނެކަން ކުރިމިނަލް ކޯޓުން ހާމަކުރައްވައިފިއެވެ.

ޢާޒިމާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދަޢުވާގައި މިހާރު ކޯޓުގައި ކުރިއަށްދަނީ ދެފަރާތުން މައްސަލަ އާާއި ގުޅިގެން ހުށައަޅަން ބޭނުންވާ ނުކުތާތައް ހުށައެޅުމެވެ.

މިމައްސަލާގައި އަންގާރަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ދެފަރާތުގެ ވާހަކަތައް ހުށައެޅުމުން ޤާޟީ ވިދާޅުވީ, ދެ ފަރާތުގެ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމާއި އެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ނިންމާ ގޮތެއް ނޮވެންބަރު 9ގައި ބާއްވާ އަޑުއެހުމުގައި ނިންމަވާނެކަމަށެވެ.

މިމައްސަލާގައި މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އާޒިމާ ވިދާޅުވެފައި ވަނީ އެތައް ބަޔަކު ހިމެނޭ ކަމެއްގައި ދައުލަތުން ހަމައެކަނި އޭނާގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެހެން ނަމަވެސް ރައްދުގައި ދައުލަތުން ވަނީ މަނީ ލޯންޑްރިން އަށް އާޒިމާ މަގުފަހިކޮށް ދިން ގޮތް ދަޢުވާގައި ހިމަނާފައިވާނެކަން ހާމަކޮށް އެ ދައުވާ ސާބިތުވާނެ މިންވަރުގެ ހެކި ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވެފައެވެ.