ޚަބަރު

މާލެ-ތިލަފުށި ބުރިޖު މަޝްރޫޢުއަށް އާއްމުންގެ ޚިޔާލު ހޯދަން ހުޅުވާލަނީ


"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދެވަނަ ފިޔަވަހި، މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖް މަޝްރޫޢުއަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލަން ނިންމައިފިއެވެ.

އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލީ މި ޕްރޮޖެކްޓާއި ގުޅިގެން ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބެލުމުގެ މަސައްކަތްކުރާ ކުންފުނި "ސީޑީއީ ކޮންސަލްޓިންގ"ގެ ފަރާތުންނެވެ.

އެކުންފުނިން ބުނެފައިވަނީ މި ޕްރޮޖެކްޓާއި މެދު އާއްމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ 26ވަނަ ދުވަހުގައި ކަމަށެވެ. ކޯވިޑް19ގެ ޙާލަތާއި ގުޅިގެން މި ބައްދަލުވުން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ "ޒޫމް"މެދުވެރިކޮށް އޮންލައިންކޮށެވެ.
ބައްދަލުވުން އޮންނާނީ 26ވަނަ ދުވަހު ހަވީރު، 16:00 ގައެވެ. ސީޑީއީ ކޮންސަލްޓިންގއިން މިހާރު ވަނީ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން، ރެޖިސްޓްރި ވުމަށް ހުޅުވާލާފައެވެ. ބައްދަލުވުމުގައި ބައިވެރިވުމަށް އޮންލައިންކޮށް ރެޖިސްޓްރީވެވޭނެއެވެ.

މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖް މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ، ބްރިޖް ސަރވޭގެ މަސައްކަތެވެ. ބޯހޯލް ތޮރުފައިގެން ކުރިއަށްގެންދާ މި ދިރާސާގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ މާރިޗުމަހުގެ 26ވަނަ ދުވަހުއެވެ. މި ސަރވޭގައި ބްރިޖު ހުރަސްކުރާ ކަނޑުގެ ސަރަޙައްދާއި، ބްރިޖުން ގުޅާލާ ރަށްތަކުގެ ބިމުގެ ސަރަޙައްދުގައިވެސް ސަރވޭތައް ކުރިއަށްގެންދެއެވެ. ސަރވޭހެދުމަށް އެއްގަމާއި ކަނޑުގެ ސަރަޙައްދުން 18 ބޯހޯލް ތޮރުފާނެއެވެ. މި މަސައްކަތް ކުރަނީ 15 މިލިއަން ޑޮލަރަށް ބޭރު ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

މާލެއާއި ތިލަފުއްޓާއި ދެމެދު ގުޅާލާ ބްރިޖުގެ ހުރިހާ މަސައްކަތަކީވެސް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއްކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މި ބްރިޖަކީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ. ބްރިޖްގެ ފައިނަލް ކުރެހުންތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ..