ޚަބަރު

ކަނޑުދަތުރުކުރުމުގައި ރައްކާތެރިވުމަށް މެރިން ޕޮލިސްގެ އިލްތިމާސް


ވޭތުވެދިޔަ ސައުވީސް ގަޑިއިރު ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާތީ، ދަތުރުކުރުމުގައި މިހާރަށްވުރެ ބޮޑަށް ރައްކާތެރިވުމަށް މެރިން ޕޮލިސްއިން އިލްތިމާސްކޮށްފިއެވެ.މެރިން ޕޮލިސް އިން ނެރުނު ބަޔާނުގައި ކޮޅިގަނޑުގައި ވައިގަދަވެ ކަނޑު ގަދަވުމުން މިފަދަ ޙާދިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ ސިފައިންނާ ޢާއްމު ރައްޔިތުންނަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާކަމަށް ބުނެފައިވެއެވެ. އަދި މިހާރު މެރިން ޕޮލިސްއާއި ކޯސްޓް ގާޑު ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ އުޅަނދު ބަލައި ފާސްކޮށްފައިވާއިރު ބައެއް އުޅަނދުތައް ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްގެން ހަތް އުޅަނދެއް ފުރިޔަ ނުދީ ހިފަހައްޓާފައިވާކަމަށް މެރިން ޕޮލިސް އިން މައުލޫމާތުދެއެވެ. މީގެތެރެއިން ބައެއް އުޅަނދުގައި ސަލާމަތީ ސެޓްފިކެޓަށްވުރެ ގިނަ ޢަދަދަށް މީހުން ތިބިއިރު، ބައެއް އުޅަނދުތަކަށް މުދާ އަރުވާފައިވަނީ އެކަށީގެންނުވާ މިންވަރަކަށް ކަމަށް މެރިން ޕޮލިސްއިން މައުލޫމާތުދެއެވެ.ކުރިއަށް އޮތް ސައުވީސް ގަޑި އިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ވައިޓް އެލަރޓް ނެރެފައެވެ.މޫސުމާބެހޭ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު ހަގަޑި ތިރީހުން ފެށިގެން މިރޭ އެގާރަގަޑި ތިރީހަށް އުތުރާއި މެދު ރާއްޖޭތެރޭގެ އަތޮޅުތަކަށެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އެވްރެޖްކޮށް ފަންސަވީސް މޭލާ ތިރީސް މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.މީގެ އިތުރުން ކުރިއަތް އޮތް ދެދުވަހުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރު ފަތުރުކުރުމުގައި މޫސުމަށް ރައްޔިތުން ރައްކާތެރިވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، އަދި އެމްއެންޑީއެފް އިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.