ވިޔަފާރި

ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފި


ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޙާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން މި ކެމްޕެއިން ކުރިއަށްގެންދަނީ ފްރާންސްގެ އެންމެ މަޝްހޫރު އެއް ޓްއަރ އޮޕަރޭޓަރ ވެރީޝީކްއާއެކުއެވެ.

ވެރީޝީކްއާއެކު ކުރިއަށްގެންދާ މި ކެމްޕެއިންގެ މަޤްސަދަކީ ކޯވިޑް19ގެ ހާލަތުގައި ފްރާންސްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހަރުކޮށް، އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެމްޕެއިންގެ ތެރެއިން ވެރީޝީކްގެ ޑޭޓާ ބޭސްއަށް އަމާޒުކޮށްގެން ދިވެހިރާއްޖެއަށް ޙާއްސަ ނިއުސްލެޓަރއެއް ފޮނުވާނެއެވެ. މި ނިއުސްލެޓަރގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއްކަން ބުނެދީ ރާއްޖެ އުފެދިފައިވާގޮތުން މިދަނޑިވަޅުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ރައްކާތެރިކަމާއި ސިއްހީ ސަލާމަތްތެރިކަން ލިބިދޭނެކަމަށް ބުނެދޭނެއެވެ.

ވެރީޝީކްގެ ވެބްސައިޓަށް މަހަކު 1.5 މިލިއަނެއްހާ މީހުން ޗުއްޓީ ދަތުރު ޕްލޭންކުރުމުގެ މައުލޫމާތު ހޯދައި އެކި މަންޒިލްތައް ހޯދުމަށް ބޭނުންކުރެއެވެ. ދިވެރިރާއްޖެއާއިބެހޭ ނިއުސްލެޓަރ ވެރީޝީކްގެ ޑޭޓާބޭސްގެ 500،000 އެޑްރެސްއަށް ފޮނުވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ނިއުސްލެޓަރ ވެގެންދާނީ ޗުއްޓީ ހޭދަކުރުމަށް އައު މަންޒިލް ހޯދަމުން އަންނަ ފްރާންސްގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ތަފާތުކަން ދައްކާލައި ދިވެހިރާއްޖެއާމެދު އެމީހުންގެ ޝައުޤުވެރިކަން އިތުރުކުރާނެކަމަކަށެވެ.

ޕްރާންސުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރުސީން މިއަހަރު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ފެމިލިއަރައިޒޭޝަން ޓްރިޕްއަކާއި، ފްރާންސްގެ މެއިންސްޓްރީމް އޮންލައިން އަދި ޕްރިންޓް މީޑިއާތަކުގައި ވަނީ ރާއްޖެއާއިބެހޭ އާޓިކަލްތައްވެސް ޝައިޢުކޮށްފައިވެއެވެ.

މިދިޔަ އަހަރު ފްރާންސުން ދިވެހިރާއްޖެއަށް 59732 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެޤައުމު ހިމެނިފައިވަނީ 7 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. މިއަހަރުގެ މާރޗް މަހާއި ހަމައަށް ފްރާންސުން ރާއްޖެއަށް 21784 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ފްރާންސުން 820 ފަތުރުވެރިން ވަނީ އައިސްފައެވެ.