ކުޅިވަރު

ލީޑްސް ޔުނައިޓެޑު ބަލިކޮށް ވުލްވްސްއިން ތާވަލުގެ ހަވަނައަށް ކުރިޔަށް ޖެހިލައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗު ވުލްވްސް ކާމިޔާބުކޮށް ތާވަލުގެ ހަވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ލީޑްސް ޔުނައިޓެޑާ ވުލްވްސް ބައްދަލުކުރި މި މެޗު ވުލްވްސްއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މިއީ ލީޑްސްގެ އަމިއްލަ ދަނޑުގައި މި ސީޒަންގައި އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ވުލްވްސްއިން ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނެޓުގައި މެކްސް ކިލްމަން ދިން ބޯޅައަކުން ރައުލް ޖިމިނޭޒްއެވެ. މިއީ އޭނާ މި ސީޒަންގައި ވުލްވްސްއަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެއެވެ. އަދި ޕްރިމިއަރ ލީގުގައި ޖެހި 33 ވަނަ ލަނޑެއެވެ.

ވުލްވްސްއިން ލަނޑު ޖެހުމުގެ ކުރިން މެޗުގެ ފުރަތަމަ ހާފްގައި ލީޑްސްގެ ޕެޓްރިކް ބެންފޯޑް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެލަނޑު ބަލައިނުގަތީ ކުޅުންތެރިޔާ އޮފްސައިޑުގައި ހުރުމުންނެވެ. ލީޑްސް ޔުނައިޓެޑުން ވަނީ މި މެޗުގެ ކުރިން އެޓީމުގެ އަމިއްލަ ދަނޑުގައި ބަލިނުވެ 12 މެޗު ހަމަކޮށްފައެވެ. މެޗުގެ ކުރިން އެޓީމު ބަލިވެފަވަނީ މިދިޔަ ފެބްރުއަރީ މަހު ޗެމްޕިއަންޝިޕުގައި ވިގަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މިއީ 2004 ވަނަ އަހަރު ޕޯސްމޮޓް އަތުން ލީގުގައި އަމިއްލަ ދަނޑުގައި ބަލިވުމަށްފަހު ލީޑްސް ބަލިވި ފުރަތަމަ ފަހަރެވެ. ރޭ ލީގުގައި ވެސްޓްބޮރްމް އާއި ބާންލީ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުގެންނެވެ. މިއީ 49 މެޗަށްފަހު ޕްރިމިއަރ ލީގުގައި ލަނޑެއް ނުޖެހި އެއްވަރުވެގެން މެޗެއް ނިމުނު ފުރަތަމަ ފަހަރެއެވެ. މިއީ 2004 ވަނަ އަހަރު ފަހުން ލީގުގެ ފުރަތަމަ ފަސް މެޗުން ވެސްޓްބްރޯމަށް މޮޅެއް ނުހޯދުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއެކު ފަސް މެޗުން ހޯދި 9 ޕޮއިންޓާއެކު ވުލްވްސް އޮތީ ލީގުގެ 6 ވަނައިގައެވެ. ރޭ ބަލިވި ލީޑްސްވަނީ 10 ވަނައަށް ވެއްޓިފައެވެ. ވެސްޓްބްރޮމް 17 ވަނައިގަ އޮތްއިރު ބާންލީ އޮތީ 18 ވަނައިގައެވެ.