ތިމާވެށި

ކަނޑުގެ ސަރަހައްދުގެ މަޢުލޫމާތު އެއްކުރާނެ ނިޒާމެއް ޤާއިމްކުރަނީ


ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދިޔަވަރާއި އޮއިވަރާއިބެހޭ ފުރިހަމަ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.ޕީއެސްއެމަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކްލައިމެޓޮލޮޖީ ޑރ. ޒާހިދު ވިދާޅުވީ، އެފަދަ މަޝްރޫއެއް ހިންގުމަށް ރީޖަނަލް އިންޓަރގްރޭޓެޑް މަލްޓި ހެޒަރޑް އާރލީ ވޯނިންގ ސިސްޓަމް ފޯ އެފްރިކާ އެންޑް އޭޝިޔާ، (ރައިމްސް) އާއި އިންޑިއަން ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސާވިސް (އިންކޮއިސް) އާއިވެސް މަޝްވަރާތަށް ކުރެވެމުން ދާކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަޢުލޫތު އެއްކުރެވޭނެ، "އޯޝަން ބުއި ސިސްޓަމެއް" ނަމަވެސް ކައިރި މުސްތަޤްބަލެއްގައި ޤާއިމް ކުރެވިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ޒާހިދު ވިދާޅުވިއެވެ.ޑރ. ޒާހިދު ވިދާޅުވީ މިފަދަ ސިސްޓަމަކުން އެއްކުރެވޭ މަޢުލޫމާތުގެ ސަބަބުން، ރާއްޖޭގައި މިހާރު އަލަށް ފަށާފައިވާ ކަނޑުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލު ކުރިއަށް ލަފާކުރުމުގެ މަސައްކަތުން، އާންމުކުރާ މަޢުލޫމާތުގެ ސައްހަކަން ވެސް އިތުރުވެގެން ދާނެކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފުރިހަމަ މައުލޫމާތު މިހާތަނަށް އެއްކުރެވިފައި ނުވާކަންވެސް ޑރ.ޒާހިދު ފާހަގަކުރެއްވިއެވެ.ކަނޑުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަށް ކުރިއަށް ލަފާކޮށް އެފަދަ މަޢުލޫމާތު ކަޑުދަތުރު ކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މެޓް އޮފީހުން އަލަށް ކުރަންފެށި މަސައްކަތެކެވެ.