ޚަބަރު

ޤާސިމްއާއެކު އިތުރު 3 މެންބަރަކު އެންއައިސީއަށް އައްޔަންކުރުމަށް ފާސްކޮށްފި


އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފަޅާ އަރުވާލި ޤާސިމް ޢަބްދުލްކަރީމާއި އިތުރު 3 މީހަކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޤާސިމްގެ އިތުރުން އެންއައިސީއަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އާމިނަތު ޝާދިޔާ، އާމިނަތު ޝިއުނާގެ އިތުރުން ޝުއައިބް އަބްދުއްރަހުމާނަށެވެ.

ޤާސިމްއަކީ ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާ ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ފަޅާ އަރުވާލި ފަރާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވާ އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

އެންއައިސީގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެމަޤާމުގައި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޭނާ މަޤާމުން ވަކިކޮށްފައިވުމުންނެވެ. އަދި އިތުރު ތިން މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދާ، މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާތިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.