ޚަބަރު

ސުވެނިއަރ ފިހާރަތައް ޕްރޮމޯޓްކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށަނީ


ދިވެހި އުފެއްދުންތައް ވިއްކާ ސުވެނިއަރ ފިހާރަތައް ޕްރޮމޯޓްކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުޞޫމް ހާމަކުރައްވައިފިއެވެ.

މާފުށީގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުޞޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރާއެކު އަމިއްލަ ފަރާތްތަކުގެ އެއްބާރުލުންވެސް ވަރަށް މުހިންމުކަމަށެވެ. އެގޮތުން ކޯވިޑްގެ މި ދަތި ޙާލަތުގައި އަމިއްލަ ފަރާތްތަކުން މި ދާއިރާ ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަކީ ރާއްޖޭގެ ތަރައްޤީއަށް މި ފަރާތްތަކުން އަހަންމިއްޔަތުކަންދޭ މިންވަރު ހާމަކޮށްދޭކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓަރ މައުޞޫމް ވިދާޅުވީ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތައް ތަރައްޤީކުރުމަށް އެކަނި ނޫންކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަކީ ފުރިހަމަ އޯލް ރައުންޑަރ ޚިދުމަތްތަކެއް ދޭ ޤައުމަކަށް ހެދުމުގެ އަމާޒުގެ ދަށުން ޑައިވް ސެންޓަރުތަކާއި، ގެސްޓް ހައުސްތަކާއި، ސުވެނިއަރ ޝޮޕްތައް ތަރައްޤީކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރުމަށް ނިންމާފައިވާ މަސައްކަތަކީ ދިވެހި އުފެއްދުންތައް ވިއްކާ ސުވެނިއަރ ފިހާރަތައް ޕްރޮމޯޓްކުރުންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި މިފަދަ ފިހާރަތަކުގެ ތަފްސީލް ނެތުމަކީ ގޮންޖެހުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ސުވެނިއަރ ފިހާރަތައް ޕްރޮމޯޓްކުރުމުގެ ޚާއްސަ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސުވެނިއަރ ފިހާރަތަކެއް ލިސްޓްކޮށް ޑައިރެކްޓްރީއެއް ހަދާނެކަމަށް ވިދާޅުވެފައެވެ. އެއަށްފަހު އެތަންތަނުގެ ޙާލަތު ތަފްސީލީގޮތެއްގައި ދިރާސާކޮށް މިތަންތަން ހިންގާ ފަރާތްތަކާއި ގުޅިގެން މި ފިހާރަތައް އިތުރަށް ތަރައްޤީކުރުމަށް ޕްލޭންތައް ހެދުމަށް ވަނީ ނިންމާފައެވެ.

"އަޅުގަނޑުމެންނަށް މާފުށިން މިފެންނަނީ އަޅުގަނޑުމެންގެ ތަރައްޤީ ގެންނަން ބޭނުންވާ ގޮތް އަސްލު. މިތާނގައި ޑައިވް ސެންޓަރތައްވެސް އެބަ ހުރި. ސޮވެނިއަރ ފިހާރަތައްވެސް އެބަހުރި. ރަށު ރައްޔިތުންނަށް ތަރައްޤީ ގެނައުމަށް މީ އެންމެ ރަނގަޅު ގޮތް. މިގޮތައް ރަށްތައް ތަރައްޤީވުމުން ދާއިރާއާއެކު ރަށުގެ ކުރިއެރުންވެސް އިތުރުވާނެ" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ދިވެހި އުފެއްދުންތައް ވިއްކާ ސުވެނިއަރ ފިހާރަތައް ޕްރޮމޯޓްކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާއިރު، ރާއްޖެއަށް ލޯކަލް ޓުއަރިޒަމް ފުޅާވުމާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައިވެސް ސުވެނިއަރ ފިހާރަތައް ވަނީ ހުޅުވާފައެވެ. މި ފިހާރަތައް ތަރައްޤީކުރުމުގައި ސަރުކާރުން އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ މިފަރާތްކުން ދަނީ ކުރަމުންނެވެ.