ދީން

ހުރިހާ އިމާމުންނާއި މުދިމުންނަކީ ޑިގްރީ ލެވެލަށް ތަޢުލީމު ޙާޞިލުކޮށްފައިވާ ބަޔަކަށް ހެދުމަކީ އަމާޒެއް - މިނިސްޓަރ ޒާހިރު


މިސްކިތްތަކުގައި މަސައްކަތް ކުރާ ހުރިހާ އިމާމުންނާއި މުދިމުންނަކީ ޑިގްރީ ލެވެލަށް ތަޢުލީމު ޙާޞިލުކޮށްފައިވާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒާހިރު މިހެން ވިދާޅުވީ، އިމާމުންނާއި މުދިމުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށްޓަކައި ޑިގްރީ ލެވެލަށް ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިމާމުންނާއި މުދިމުންނަށް ޑިގްރީ ލެވެލަށް ކިޔަވައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނަކީ އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަރސިޓީގެ ޑިގްރީ ޙާޞިލުކޮށްފައިވާ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި، މިއަދަކީ އެކަން ހަޤީޤަތަަށް ހެދުމުގެ މަސައްކަތް ފެށިގެންދާ ދުވަސްކަމަށެވެ. އަދި މިޕްރޮގްރާމާއެކު މިސްކިތްތަކުގައި މަސައްކަތްކުރާ މުދިމުންނާއި އިމާމުންނަކީ، ރައްޔިތުންގެ ލޯތްބާއި، އިޙްތިރާމާއި ގަދަރު ލިބިގެންވާބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

"އިމާމުންނާއި މުދިމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ބައެއް ބޭފުޅުންނަކީ ސެޓިފިކެޓް ނެތް ތަޢުލީމު އަދި ތަމްރީން ހޯދައިދޭންޖެހޭ ފަދަ ބޭފުޅުން. އެބޭފުޅުންނަށް އިތުރަށް ކިޔަވައިދިނުމާއި އިތުރަށް ތަމްރީންކުރުމަކީ އެއީ ކޮންމެހެން ކުރަންޖެހޭކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ އިމާމަކީވެސް ދީނީ ރޮނގުން ޑިގްރީ ލެވެލްއަށް ތަޢުލީމު ޙާޞިލުކޮށްފައިވާ އިމާމަކަށްވުން. ރީއްޗަށް ޤުރުއާން ކިޔަވާ، ރީއްޗަށް ބަންގި ގޮވާ އިމާމަކަށްވުން. އަދި ހަމަމިއާއެކު ރައްޔިތުންގެ ފަރާތުން އެ އަންނަ ޝަކުވާތައް ވީހާވެސް މަދުކޮށް، ރައްޔިތުންގެ ލޯތްބާއި، އިޙްތިރާމް ލިބޭފަދަ އިމާމުންތަކަކަށް އިމާމުންތައް ހެދުން އެއީ އަޅުގަނޑުމެންގެ އެއް އަމާޒު" މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މި ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީގެ އެހީތެރިކަމާއެކު މިދިޔަ އަހަރު ފަށާފައިވާކަމަށާއި، ޕްރޮގްރާމަށް ބޭނުންވާ މަންހަޖު އެކުލަވާލާފައިވާކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާނީ ދަރިވަރުން ޔުނިވަރސިޓީއަށް ޙާޞިރުވުމުގެ ބަދަލުގައި އޮންލައިންކޮށްކަމަށްވެސް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމް ރާވާފައިވަނީ އެބޭފުޅަކު ކިޔަވާ ވިދާޅުވި ވިދާޅުވުމެއްގެ މައްޗަށް ބިނާކޮށް ސެޓިފިކެޓްވެސް ލިބޭގޮތަށް. އެއް އަހަރުން އަނެއް އަހަރަށް ބަދަލުވަމުންދާ ދިއުމުގައި ޑިޕްލޮމާއިން، އެޑްވާންސް ޑިޕްލޮމާއިން އަދި ޑިގްރީއާއި ހަމައަށް ކިޔެވުން ކުރިއަށްގެންދާގޮތަށް. ހަމައެކަނި އެންމެ އަހަރަކު ކިޔަވާ ނިމުނީމާ އެކަމުގެ އަގު ވަޒަން ނުކުރެވޭނީކީއެއްނޫން. ޑިޕްލޮމާއެއް ލިބޭނެ. ދެވަނަ އަހަރު އެޑްވާންސް ޑިޕްލޮމާ އަދި 3 ވަނަ އަހަރު ނިންމުމަށްފަހުގައި ޑިގްރީއާއި ހަމައަށް ވާޞިލުވެގެންދާނެ" ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އިފްތިތާޙްކުރި އިމާމުންނާއި މުދިމުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ރާއްޖޭގެ 4 ސިޓީއަކުންނާއި، 18 އަތޮޅެއްގެ 169 ރަށަކުން ޖުމްލަ 384 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އެޑްވާންސް ލެވެލްއަށް ކިޔަވާ 292 ބައިވެރިއަކާއި، ޑިގްރީ ކޯހުގައި ބައިވެރިވާ 92 ފަރާތެއް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ މީހުން އެއްވެސް ކޯސްފީއެއް ދައްކާކަށް ނުޖެހޭނެއެވެ.