ޚަބަރު

ސަރުކާރު އާއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑުކުރާނެ ނިޒާމެއް ނެތް: އެންޑީއޭ


  • މިހާތަނަށް 269 މީހަކު ރިމާންޑަށް ނަގާފައިވޭ

  • 70% މީހުން ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވަނީ ވައްދާފައި

މި ސަރުކާރު އައިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑު ކުރާނެ އެއްވެސް ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ. ލުބުނާ މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިމާންޑަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ފަރާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ކަމަށެވެ. މިއީ ޤާނޫނުގައިވެސް ހިމެނޭ ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރު ހަވާލުވިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުން ރިމާންޑަށް ނެގޭނެ އެއްވެސް ނިޒާމެއް ގާއިމުވެފައި ނެތް ކަމަށް ލުބްނާ ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވީ ރިމާންޑަށް ނަގާ ފަރާތްތަކަށް ފަރުވާ ދިނުމުގައި އެންޑީއޭއިން ބަލަނީ ރިމާންޑުގެ މުއްދަތު ނިންމައި އެ ފަރާތްތައް ދިގުމުއްދަތުގެ ރިހެބިލިޓޭޝަން ފަރުވާގެ ތެރެއަށް ވެއްދުމަށް ކަމަށެވެ.

"އެމީހުން ހަމައެކަނި 30 ދުވަސް ނިންމައި އެތަނުން ޗެކައުޓް ވެގެން ދިއުމެއް ނޫނޭ ބޭނުމަކީ. ލޯންގް ޓަރމް ރިހެބިލިޓޭޝަން ފަރުވާގެ ސިސްޓަމް ތެރެއަށް އެ މީހުން ވައްދައި، އެ މީހުންނަށް ރަނގަޅު ފަރުވާއެއް ދީ، އެ މީހުންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަލުން އަނބުރާ ރީއިންޓަގްރޭޓް ވާއިރު ސަކްސަސްފުލީ ރީއިންޓަގްރޭޓް ކުރެވިދާނެ ބައެއްގެ ގޮތުގައި ހެދުމަށް،" ލުބުނާ ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވިގޮތުގައި މިހާތަނަށް 269 މީހަކު ރިމާންޑަށް ނަގާފައިވާ ކަމަށެވެ. މީގެ ތެރެއިން %70 މީހުން ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންޑީއޭއިން ރިމާންޑަށް ނަގާ ފަރާތްތަކަށް ވަގުތުން ޑިޓޮކްސިފިކޭޝަން ފަރުވާތައް ފަށާކަމަށާއި ނަފްސާނީގޮތުން ދޭން ޖެހޭ ފަރުވާތައްވެސް ކުރިއަށްދާ ކަމަށް ލުބްނާ ވިދާޅުވިއެވެ.

އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރަން އުޅޭ މީހުންނެވެ. އަދި ކުޑަކުދިން ދިރިއުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު އުޅޭނަމަ އެކަން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ މީހުންވެސް ރިމާންޑަށް ނަގައެވެ.

ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުންނަ ޑިޓޮކްްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން އެންޑީއޭއިން ވަނީ ވިދާޅުވެފައެވެ. އެއާއެކު އެތަނުގެ ޖާގަ އިތުރުވެ އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެކަމަށްވެސް އެންޑީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ގާއިމުކުރަމުން އަންނަ ރިމާންޑް ސެންޓަރާއެކު އެތަނުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށްވެސް އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވިއެވެ.