ޚަބަރު

އޭދަފުށިން ގޯއްޗަށް އެދި ހުށައެޅި ފޯމްތައް ވިލަރެސްކުރަން ފަށައިފި


ބ.އޭދަފުށިން ގޯއްޗައް އެދި ހުށައެޅި ފޯމްތައް ވިލަރެސްކުރަން ފަށައިފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަޙްމާން ވިދާޅުވީ، އެރަށު ކައުންސިލުން މިމަސައްކަތް ކުރިއަށްގެންދަނީ އެކަމަށް އެކުލަވާލި ކޮމިޓީއާ ކައުންސިލް ގުޅިގެން ކަމަށެވެ. އެރަށުން ދޫކުރަން ހަމަޖެހިފައިވާ 158 ގޯއްޗަށް 664 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ.

މި ފޯމްތައް މަހެއްހާދުވަހުގެ ތެރޭގައި ވިލަރެސްކޮށް ނިންމާލެވޭވަރުވާނެކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

1400 (ސާދަ ސަތޭކަ) އަކަފޫޓްގެ މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، އޭދަފުށީގެ ބިމަށް އިތުރު ކުރި ބިމުގެ އިރުމަތީ ފަރާތުން ޓާފް ދަނޑާ އިންވެގެންނެވެ.

3600 އަށްވުރެ ބޮޑު އާބާދީ އެއް އޮންނަ އޭދަފުށިން މީގެ ކުރިން ވަނީ 659 ގޯތި ދޫކޮށްފައެވެ. އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތައް ޢާއިލާއެއް އޭދަފުށީގައި ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 26 ހެކްޓަރުގެ ބިން އޭދަފުށިން ހިއްކާފައެވެ.