ޚަބަރު

ލޯކަލް ޓްރާންސްމިޝަނާއި ގުޅިގެން ކުޅުދުއްފުށީގައި އިތުރު ފިޔަވަޅުތަކެއް އަޅަންފަށައިފި


ކުޅުދުއްފުށިން ފެނިފައިވާ ކޯވިޑްގެ ކޭސްތަކާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ކުޅުދުއްފުށިން ޕޮލިސް ކްލަސްޓަރ އާއި ގުޅޭ 4 މީހަކު ރޭ ޕޮޒިޒޓިވްވުމާއި ގުޅިގެން ވަނީ އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެޗްއީއޯސީން ވިދާޅުވީ، ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވުމާއިި ގުޅިގެން އެރަށުގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި، އެކަމަށްޓަކައި އެކުލަވާލާފައިވާ ޓާސްކު ފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު މަޝްވަރާތައް ކުރެވި ޢަމަލުކުރަންވީ އިރުޝާދުތައް ދީފައިވާކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެރަށުގައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.