ޚަބަރު

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް


ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަވަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން މަނާ ކުރެވިފައިވާކަމަށެވެ.

ކުޅުދުއްފުށީ މޮނިޓަރިންއަށް ލާފައިވަނީ ކޯވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

އެޗްޕީއޭ އިން ރޭ ހާމަކުރައްވާފައިވާ ގޮތުގައި ކުޅުދުއްފުށިން އިއްޔެ 4 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 2 މީހުންނާއި ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވްވި 2 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށީގައި މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.