ދުނިޔެ

ކޯވިޑާއި ދެކޮޅަށް ލަންޑަނުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި


އިނގިރޭސިވިލާތުގެ ވެރިކަންކުރާ ސިޓީ ލަންޑަންގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 673،622 މީހުންނަށް ކޯވިޑް ޖެހި 43،293 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 18،980 މީހުންނަށް ބަލިޖެހި 138 މީހުންވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ 9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންޑަނާއި އެ ސިޓީއާ ޖެހިގެން އޮންނަ އެސެކްސްގެ ސަމާލުގެ މިންވަރު އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހުން ފެށިގެން އިތުރުކުރާނެކަމަށެވެ. އެއާއެކު އެއް ގޭބިސީގައި ދިރިއުޅޭ މީހުން އެހެން ގޭބިސީއެއްގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރުން މަނާވާނެއެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރުންވެސް ވީހާ ބޮޑަކަށް މަދުކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހެންކޮކް ވިދާޅުވީ ޤައުމުގެ ޙާލަތު ރަނގަޅުވުމުގެ ކުރިން އަދި އިތުރަށް ގޯސްވާނެކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޙާލަތު ރަނގަޅުވާނެކަމުގެ ޔަޤީންކަން އޮތްކަމަށާއި ބައްޔާއި ދެކޮޅަށް ސައިންސުވެރިން ފަރުވާއެއް ހޯދާނެކަމާއި މެދު އުންމީދު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަހެއް އަންނަންދެން އެންމެން އެކުގައި މަސައްކަތްކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރީގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ސިޓީއަކީ ލަންޑަނެވެ. ލަންޑަންގައި ޙާލަތު އެންމެ ބޮޑަށް ގޯސްވެފައިވަނީ ރިޗްމޮންޑާއި ހެކްނީއާއި ލަންޑަން ސިޓީއާއި އީލިންގުގެ އިތުރުން ރެޑްބުރިޖާއި ހެރޯގައެވެ. ލަންޑަންގެ މޭޔަރު، ޞާދިޤު ޚާން ވިދާޅުވީ ކުރިއަށް އޮތް ފިނިމޫސުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަމަށެވެ.

ފިޔަވަޅުތައް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާ އަނެއް ސިޓީއަކީ މެންޗެސްޓާއެވެ. އެ ސިޓީގެ ސަމާލުގެ މިންވަރު 'ހައި' އިން 'ވެރީ ހައި' އަށް މަތިކުރުމަށް ވިސްނަމުންދާކަމަށާއި އަދި ގޮތެއް ނިންމާފައިނުވާކަމަށް ހެންކޮކު ވިދާޅުވިއެވެ. ގްރޭޓާ މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަމް ވިދާޅުވީ އެ ސިޓީ ފުރަބަންދުކުރުމަށް އޭނާ ދެކޮޅު ހައްދަވާނެކަމަށާއި މަރުކަޒީ ސަރުކާރުން އެދެވޭ މިންވަރަށް މާލީ އެހީތެރިކަން ލިބެމުން ނުދާތީ މެންޗެސްޓާގެ އިޤްތިޞާދު ގުރުބާންކުރަން ބޭނުންނުވާކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިން ޖޮންސަންވަނީ އެމަނިކުފާނުގެ ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ ޤައުމުގެ ޙާލަތު އެހާ ބޮޑަށް ގޯސްވެފައިވަނީ އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ބަލި ފެތުރެން ފެށުމުން ބޮޑުވަޒީރުގެ ޖޮންސަންގެ ސަރުކާރުން އެދެވޭ ފިޔަވަޅު އަޅާފައިނުވާތީކަމަށް ތުހުމަތުކޮށްފައެވެ.