ދުނިޔެ

ކޯވިޑަށް ފަރުވާދިނުމަށް ރެމްޑެޒިވާ ބޭސް ބޭނުންކުރުމުގެ ފައިދާއެއް ނެތް: ޑަބްލިއުއެޗުއޯ


އެހެން ބޭނުންތަކަށް އުފައްދާފައިވާ ހަތަރު ބޭހެއް ބޭނުންކޮށްގެން ކޮށްފައިވާ ތަހުލީލުތަކުން ކޯވިޑް-19އަށް ފަރުވާ ދިނުމަށް އެފަދަ ބޭސްތައް ބޭނުންކުރުމުން މާ ބޮޑު އަސަރެއް ނުކުރާކަމަށް ދައްކައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ އެންޓިވައިރަލް ބޭހެއްކަމަށްވާ ރެމްޑެޒިވާއާއި ހައިޑްރޮކްސީކްލޮރިކީނާއި ލޮޕިނާވިރު އަދު އިންޓާފެރޮން ކިޔާ ބޭސްތަކެއް ބޭނުންކޮށް ހަސްފަތާލުގައި އެނދުމަތިކޮށްފައިވާ ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކޮށް އޭގެ އަސަރު ތަހުލީލުކޮށްފައެވެ. އެ ތަހުލީލުގެ ނަތީޖާއިން ދައްކާގޮތުގައި ބަލިމީހުން ހަސްފަތާލުގައި ހޭދަކުރާ މުއްދަތާއި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭންޖެހުމާއި ބަލީގެ ސަބަބުން މަރުވާ މީހުންގެ ޢަދަދަށް އެ ބޭސްތައް ބޭނުންކުރުމުން ބަދަލެއް އައިސްފައެއް ނުވެއެވެ.

އެބޯލާ ބައްޔަށް ފަރުވާ ދިނުމަށް އެމެރިކާގެ ގިލިޑް ސައިންސަސް ކުންފުނިން އުފައްދާފައިވާ ރެމްޑެޒިވާއަކީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ބޭނުން ކުރަންފެށި އެއް ބޭހެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް މި މަހުގެ ކުރީކޮޅު ކޯވިޑް-19 ޖެހުމުން އެމަނިކުފާނަށް ފަރުވާދިނުމަށްވެސް އެ ބޭސްވަނީ ބޭނުންކޮށްފައެވެ. އޭގެ ކުރިން ހައިޑްރޮކްސިކްލޮރިކީން ބޭނުންކޮށް އޭގެ ރަނގަޅު ނަތީޖާ ފެނިފައިވާކަމަށް ޓްރަންޕުގެ އިތުރުން ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯވެސްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޖޯޖްޓައުން ޔުނިވަސިޓީގެ އެސޯސިއޭޓް ރިސާޗް ޕްރޮފެސަރެއްކަމަށްވާ ޖޫލީ ފިޝާ ވިދާޅުވީ ޑަބްލިއުއެޗުއޯގެ ތަހުލީލުތަކުގެ ނަތީޖާއިން އެ ބޭސްތަކުން އެދެވޭ އަސަރެއް ނުކުރާކަމަށް ދެއްކުމުން އެކަމާއި ދެރަވާކަމަށެވެ. ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ބަލިޖެހިފައިވާ ވަގުތެއްގައި ބައްޔާ ދެކޮޅަށް ރައްކާތެރި އަދި މިހާރުވެސް ބޭނުންކުރަމުންދާ ފަރުވާއެއް ހޯދުމަކީ އެންމެންވެސް އެދޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރެމްޑެޒިވާ ބޭހުން އެފަދަ ނަތީޖާއެއް ފެނިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ތަހުލީލުވަނީ 30 ޤައުމެއްގެ 405 ހަސްފަތާލެއްގައި ކުރިއަށް ގެންގޮސްފައެވެ. އެ ތަހުލީލުތަކުގައި 11،266 މީހުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 2،750 މީހުންނަށް ރެމްޑެޒިވާ ދީފައިވާއިރު 954 މީހުންނަށްވަނީ ހައިޑްރޮކްސީކުލޮރިކީން ދީފައެވެ. 1،411 މީހުންނަށް ފަރުވާދިނުމަށް ލޮޕިނަވިރު އަދި 651 މީހުންނަށް ލޮޕިނަވިރާއެކު އިންޓަފެރޮންވަނީ ދީފައެވެ. އަދި 1،412 މީހުންނަށް ފަރުވާދިނުމަށް ބޭނުންކޮށްފައިވަނީ ހަމައެކަނި އިންޓާފެރޮނެވެ. 4،088 މީހުންނަށް އެއްވެސް ބޭހެއް ދީފައެއް ނުވެއެވެ.

މި މަހުގެ ކުރީކޮޅު ގިލިޑް ސައިންސަސުން ކޮށްފައިވާ ދިރާސާއަކުން ރެމްޑެޒިވާ ބޭނުންކުރުމުން ބަލިޖެހިފައިވާ މީހުންނަށް ހަސްފަތާލުގައި ފަރުވާދޭންޖެހޭ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދޭކަމަށްވަނީ ދައްކާފައެވެ. ޑަބްލިއުއެޗުއޯގެ ތަހުލީލުގެ ނަތީޖާއާ ގުޅޭގޮތުން ގިލިޑް ސައިންސައުން ބުނީ އިތުރު ފަރާތްތަކުން ނަތީޖާތައް ދިރާސާކޮށްފައިނުވާތީ ކަންބޮޑުވާކަމަށާއި އެ ނަތީޖާތަކުން އެއްވެސްކަމެއް ޔަޤީންނުވާކަމަށެވެ.